Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

ވަގުތީ ނަތީޖާ: ޕީއެންސީ އަށް 66، އެމްޑީޕީ އަށް 12

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ އަށް 66 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ 12 ގޮނޑި އެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މެޖޯރިޓީ ހޯދާފަ އެވެ. އޭގެތެރޭގައި އެމްޑީޕީން މީގެކުރިން ރަސްކަމުން ކުރަމުން އައި މާލެ އާއި އައްޑޫ ސިޓީ ފާހަގަކޮށްލެވެ އެވެ. އަދި ޒަމާނުއްސުރެ އެމްޑީޕީގެ މެމްބަރުން ގޮނޑި ފުރުއްވި ދާއިރާތައް ވެސް މިފަހަރު ވަނީ ގެއްލިފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް ކަމަށްވާ ޅ. ހިންނަވަރުގެ ގޮނޑި ހިމެނެ އެވެ.

ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ހަވާ އެރުވުމާއެކު ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.