Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ދެން ތަރައްގީ ގެނައުން އަވަސްވާނެ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ނަތީޖާއާއެކު ދެން އޮތީ ތަރައްގީ ގެނައުން ކަމަށާއި އެ މަސައްކަތުގެ ސްޕީޑު އަވަސްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް ކޮންމެވެސް ވަރަކަށް ކަންކަމުގައި ނަތީޖާ ނެރެވުނު ކަމަށާއި ދެން އޮތީ ރައްޔިތުން ދިން އިތުބާރާއި ތާއީދުގެ މައްޗަށް މި ފަސް މަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށް ވުރެ އެތައް ގުނައަކުން ސްޕީޑު އަވަސްކޮށް، ރައްޔިތުން އެދޭ ތަރައްގީ ގައުމަށް ގެނެސްދިނުމުގެ މަސައްކަތް ފެށުން ކަމަށެވެ.

"ދެން ފެށޭނީ ގައުމު ތަރައްގީ ވާ ދުވަސްތައް. އަޅުގަނޑު ކެބިނެޓުގެ މެމްބަރުންނަށާއި ކުންފުނިތަކުގެ ވެރިންނާއި އަދި މަޖިލިސް މެމްބަރުންނަށް ދަންނަވާލަން ބޭނުން ވަނީ، މި ވޭތުވެދިޔަ ފަސް މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލައޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ރައްޔިތުންނަށް ވައުދުވީ ގޮތަށް ތަރައްގީ ގެނެސްދޭން ކަމަށާއި ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ މާޒީ ތާ އަބަދަށް މާޒީއަށް ދޫކޮށްލާ، ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް ހައްލުކޮށްދިނުމުގެ ވައުދު ފުއްދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުގައި ތިބީ ބަހަނާ ދައްކާނެ ބައެއް ނޫން ކަމަށާއި ރައްޔިތުން މިހާރު ބޭނުން ވަނީ އަމަލުން ކަންކަން ކުރާތަން ފެންނަން ކަމަށްވާއިރު އެކަން ދެން ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.