Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު

ރައީސް، ސިޔާސީ ވެރިންނަށް: އެންމެން އެކީ ކުރިއަށްދާން ހިނގާ!

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އެންމެން އެކީ ކުރިއަށްދާން ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ސިޔާސީ ވެރިންނަށް މިރޭ ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބު ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބު މިހާރު ނިމިފައިވާއިރު ދެން ހިޔާލުތަފާތުވުންތައް ދޫކޮށްލަންޖެހޭ ކަމަށާއި ހުރިހާ ސިޔާސީ ވެރިން ވެސް އެކުވެރިކަމާ އެކީގައި، އަތުކުރި އޮޅާލައިގެން އެންމެން އެކީ ކުރިއަށްދާން އިލްތިމާސްކުރާ ކަމަށެވެ.

"އިރާދަކުރެވިއްޔާ އަޅުގަނޑުމެން އެންމެންނަށް އޭގެއިން ލިބޭނީ އުފާވެރިކަން. އަޅުގަނޑުގެ ކުރިމަތީގައި، ކުރިން ދުވަހު ވެސް ދެންނެވި ފަދައިން، ކޮންމެ ރައްޔިތަކު ހަމަހަމަ. ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް އަޅުގަނޑަށް އެ ރައްޔިތަކީ މުހިއްމު ރައްޔިތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރާނެ ކަމަށާއި ސިޔާސީ ގޮތުން ވިސްނުން ހުރި ގޮތަކުން އެއްވެސް މީހަކަށް އަޅާނެ ފިޔަވަޅެއް ވެސް ނޯންނާނެ ކަމަށެވެ.

"އެހެންވީމާ ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށާއި މެމްބަރުންނަށް އަޅުގަނޑު މި ދަންނަވަނީ، ހިންގަވާށޭ ކުރިއަށްދާން. މި ގައުމު ތަރައްގީކޮށް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ފަހުރަކަށް ހަދަމާ ހިނގާށޭ،" ރައީސް ވިދާޅުވި އެވެ.

އެންމެން އެކުވެރިކަމާ އެކީ ކުރިއަށް ދިޔުމުން އެންމެން ތިބޭނީ އުފަލުގައި ކަމަށާއި އެންމެން އެކީ ކުރިއަށްދާން ތަކުރާރުކޮށް ރައީސް ވަނީ ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ގޮވާލައްވާފަ އެވެ.