Last Updated: May 6, 20:00
Monday, May 6, 2024
ޚަބަރު

ދިވެހިން ބޭނުންވާ ގޮތް މިހާރު ބޭރު ދުނިޔެ އަށް ސާފުވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އިން ދިވެހިން ބޭނުންވާ ގޮތް މިހާރު ބޭރު ދުނިޔެ އަށް ސާފުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން ބަލަން ތިބި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށް ދިވެހިން ބޭނުން ވަނީ ކޮން ގޮތެއްކަން މިހާރު ސާފުވާނެ ކަމަށާއި މިއީ ފަހުރުވެރި ގައުމެއް ކަމަށްވާއިރު ދިވެހިންނަކީ މިނިވަން ކަމަށް ލޯބިކުރާ ބައެއްކަން ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް މިހާރު ސާފުވާން ވާނެ ކަމަށެވެ.

ދިވެހިން ބޭނުން ވަނީ ދިވެހިންގެ ކަންކަން އަމިއްލަ އަށް ނިންމަން ކަމަށާއި ދިވެހިންނަށް މުހިއްމީ ދިވެހިންގެ ކަންކަން ދިވެހިން ބަސް ބުނެ، ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން މިހާރު ވަރަށް ސާފުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެންގެ އެތެރޭގެ ތިބި، އެބަޔަކު ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުއްވި ބޭފުޅުންނަށް ވެސް ވަރަށް ސާފުވެވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރާނީ ދިވެހިން ބޭނުންވާ ގޮތަށް ކަމަށާއި އެ ވިސްނުމަށް ތަބާވާނަމަ ކޮންމެ ގައުމެއް ވެސް ހަމަހަމަވާނެ ކަމަށެވެ. އަދި ދިވެހިންގެރާއްޖެ ބިނާކުރުމުގެ ހައްގު ދިވެހިންނަށް އޮންނަން ވާނެކަން މިއަދު ވަރަށް ސާފުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.