Last Updated: May 6, 14:14
Monday, May 6, 2024
ޚަބަރު

އަސްލު އެމްޑީޕީއެއް ނެތް، ދެން ވާނީ ބަލިކަށި

އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: ރައީސް އޮފީސް

އަސްލު އެމްޑީޕީއެއް މިހާރު ނެތް ކަމަށާއި އެ ޕާޓީ އަދިވެސް އިތުރަށް ބަލިކަށިވާތަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ. ވެރިކަން ކުރާ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ. މަޖިލީހަށް އިންތިހާބުވި އަމިއްލަ ބައެއް މެމްބަރުންނާ އެކު މި އަދަދު މިއަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އަސްލު އެމްޑީޕީ މިހާރު ނުފެންނަ ކަމަށާއި އިންތިހާބުތަކުން އެ ޕާޓީ އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި މިއަދު ހުންނެވި އަބްދުﷲ ޝާހިދަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ އަސްލު މެމްބަރުން ގަބޫލުނުކުރާނެ ކަމަށާއި އެމްޑީޕީގެ މަތީފަނޑި އަށް ބަލާއިރު ވެސް ފެންނަނީ އެފަދަ މަންޒަރުތަކެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ފަސް އަހަރު ވަންދެން އިދިކޮޅުގައި ޕާޓީއެއް ހިފަހައްޓައިގެން ގެންގުޅެވޭ ފަދަ ލީޑަޝިޕެއް ހުންނެވި ބޭފުޅެއް ނޫން ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ޝާހިދަށް އެއް އަމާޒަކަށް މަސައްކަތް ނުކުރެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"އެއީ އެ ދެ ބޭފުޅުންގެ ވެސް އޮންނާނެ ކަމަށް ގަބޫލުކުރެވެނީ އަމިއްލަ އެޖެންޑާއެއް. ދެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ހުވަފެންފުޅެއް އޮންނާނެ. އެހެންވީމާ އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކާ ދެ ބޭފުޅުން ވެސް ވަކި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ގަބޫލުކުރެވެނީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީ މިހާރަށް ވުރެ ވެސް އިތުރަށް ބައިބައިވާނެ ކަމަށް ބެލެވޭ ކަމަށާއި އެ ޕާޓީ އަށް ސަރުކާރު ޖަވާބުދާރީ ކުރުވަން މާބޮޑު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެމްޑީޕީ އަލުން އެކުވެ، ވަރުގަދަވާން ޒަމާންތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެމްޑީޕީ ހަމަ ވަރަށް ބޮޑަށް، ނިކަމައްޗޭ ދަންނަވާކަށް ބޭނުމެއް ނޫން. އެކަމަކު ވެސް ބަލިކަށި ވާތަން ފެންނަނީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ މިހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ލިބުނު ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުންގެ އިސްތިއުފާ އަށް ގޮވާލާ އަޑު އަންނަނީ ގަދަވަމުންނެވެ.