Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

މަހުލޫފްގެ ތުހުމަތުތައް ފައިސަލް ދޮގުކޮށްފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ފުވައްމުލަކު ދެކުނު ދާއިރާ އަށް ވާދަކުރި ނަރުޒާ ނަސީމް (ނަޒޫ) އިންތިހާބު ކާމިޔާބު ކުރެވުނީ އޭނަގެ ބޭބެ އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އެންޓި-ކެމްޕޭން ކުރެއްވުމުން ކަނަށް ވިދާޅުވެ، ނަޒޫގެ ފިރިކަލުން އަހުމަދު މަހުލޫފް ދެއްކެވި ވާހަކަތަކަށް ފައިސަލް ދޮގު ކުުރައްވައިފި އެވެ.

ތުހުމަތުތަކާ ގުޅިގެން މީޑިއާއަކުން ސުވާލު ކުރުމުން ފޮނުއްވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކާ ދެކޮޅަށް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އިންތިހާބު ތެރޭގައި ކުރެވުނު ހުރިހާ މަސައްކަތެެއް ކުރެއްވީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކޮށް ދެއްވަން ކަމަށެވެ.

"ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް އޮތް ތުހުމަތުތަކެއް ނޫން ކަމަށް ދަންނަވަން." ފައިސަލް ވިދާޅުވި އެވެ.

ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް، ފައިސަލަށް ތުހުމަތުތުތަކެއް ކުރެއްވީ "އެމްޑީޕީ2024" ގެ ގްރޫޕްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ. އޭގައި ވިދާޅުވީ ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ނަޒޫ އާއި ފައިސަލާ ދެމެދު މައްސަލަ ފެށުނީ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރު މުހައްމަދު އަސްލަމް ހަމަޖެއްސި ހިސާބުން ކަމަށެވެ.

"އަދިވެސް އިތުރު ސަބަބެއް ހިމެނޭ،.އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިހަށް ހުށަހަޅާފައި. ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑި ވެސް މި ވަނީ ގެއްލުވާލާފައި." މަހްލޫފު ވިދާޅުވި އެވެ.

އެ މައްސަލައިގައި މަހްލޫފު ވަނީ އެމްޑީޕީން ފައިސަލަށް ފިޔަވަޅު އަޅަން ވެސް ގޮވާލައިފަ އެވެ.

ފައިސަލަށް ތުހުމަތަކެއްކޮށް މަހުލޫފް ވާހަކަ ދައްކަވާފައި ވަނިކޮށް ފުވައްމުލަކު ދެކުނު ދާއިރާ އިން މިއަދު ނެރުނު ބަޔާނެއްގައި ވެސް ވަނީ ފައިސަލް ޕީއެންސީގެ ކެންޑިޑޭޓަށް އިންތިހާބުކޮށް ދެއްވަން، ނަޒޫއާ ދެކޮޅަށް އެންޓި-ކެމްޕޭން ކުރައްވާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެއީ އެ ދާއިރާގެ މެމްބަރުންނާއި ސަޕޯޓަރުންގެ ހައްގަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ.

ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި އިބްރާހިމް ހުސެއިން (އިއްބެ) އެވެ. އޭނަ އަށް 1142، ވޯޓު ލިބުނު އިރު ނަޒޫ އަށް ލިބުނީ 1094 ވޯޓެވެ.