Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

ނަޒޫ އަަށް ވޯޓް ނުދޭން ފައިސަލް އާދޭސް ދެންނެވި!

މިދިޔަ އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބު ގައި ފުވައްމުލަކު ދެކުނު ދާއިރާ އަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) އަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް އެންޓި ކެމްޕޭނު ކުރި މައްސަލަ އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާ އިން ކުށްވެރިކޮށްފި އެވެ.

ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. ފައިސަލް ވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭނުގައި ވެސް މަސައްކަތްކޮށް، ރަށްތަކަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ. ފައިސަލް އަކީ ނަޒޫގެ ބޭބެ އެވެ.

އެ ދާއިރާގެ ގޮނޑި ނަޒޫލާ ވާދަކޮށް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. އޭނާއާ ނަޒްރާ އާ ދެމެދު އިނީ 48 ވޯޓުގެ ތަފާތެކެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ރަައީސް އިލްޔާސް މުހައްމަދު ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފުނާޑު އަދި ދޫޑިގަމަށް ނިސްބަތްވާ މީހުންނަށް ގުޅުއްވާ ނަޒްރާއަށް ވޯޓް ނުދިނުމަށް ފައިސަލް ތަކުރާރުކޮށް އާދޭސް ދެންނެވި ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބު ގައި 500 ވަރަކަށް ވޯޓުން އެ ދާއިރާ އިން އެމްޑީޕީ ބަލިވެފައި ވަނިކޮށް މި އިންތިހާބު ގައި އާ ހިތްވަރާއެކު ނިކުމެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުން އެ ފަރަގު 48 ވޯޓަށް ކުޑަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ އެމްޑީޕީގެ މަޖިލީސް ކެމްޕެއިން ގައި ފައިސަލް އެކި ކެންޑިޑޭޓުންގެ ދާއިރާތަކަށް ވަޑައިގެންނެވިއިރު ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ އެތައް ރައްޔިތުންނެއް ދާއިރާގެ ކެމްޕެއިނަށް ވަޑައިގެން ދެއްވުމަށް ފައިސަލް އަރިހު ދެންނެވުމުން އެކަމަށް ބީރުކަންފަތެއް ދެއްވާފައިވާ ކަމަށްވެސް ބުނެފަ އެވެ.

"ކެމްޕޭނަށް ފައިސަލް ނަސީމް ނުގެނެވޭނެ ކަމަށާއި އެމަނިކުފާނުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް ބުނެ ވާދަވެރި ކެމްްޕޭން ޓީމުގެ ފަރާތުން ތަކުރާރުކޮށް ދިޔައީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ،" ބަޔާނުގައިވެ އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބު ގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް މަޖިލީސް ރައީސް މުހައްމަދު އަސްލަމް ހަމަޖެއްސެވުމުން ފައިސަލް ގެންދެވީ ރައީސް ސޯލިހާއި ދެކޮޅަށް ވެސް މަސައްކަތް ކުރައްވަމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. މިއީ އާއިލީ މައްސަލައެއް ނޫން ކަަމަށާއި ޒިންމާދާރު މަގާމެއް ފުުރއްވާ އަދި އެމްޑީޕީއަށް ވެސް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ނުކުރައްވާ ވާދަވެރި ކެންޑިޑޭޓަށް ވާގިވެރިވުމަކި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންގެ ހައްގަށް ލިބުނު ނިކަމެތި ކަމެއް ކަމުން އެކަން ކުށްވެރި ކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.