Last Updated: May 6, 09:02
Monday, May 6, 2024
ޚަބަރު

ދައުރު ފެށުމުގެ ކުރިން ޕާޓީ ބަދަލުކުރަން ފުރުސަތު ލިބޭ

އީސީގެ ކުރީގެ ނައިބު ރައީސް ހަބީބު.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެފައިވާ ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅަކު ބޭނުންފުޅުވާ ޕާޓީއަކާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

މިނިވަން މެމްބަރުންގެ ގޮތުގައި އިންތިހާބުވުމަށް ފަހު ޕީއެންސީއާ މިއަދު ހަ ބޭފުޅަކު ގުޅުމުން އެ ބޭފުޅުންގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ހަބީބު ވިދާޅުވީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠަކުން ކުރެ ޝަރުތެއް މި 6 ބޭފުޅުންގެ އުނި ނުވާ ކަމަށެވެ. އަދި އެންޓި-ޑިފެކްޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިޚާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް 2024 މެއި 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންފުޅު ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

"އެހެންނޫނަސް، ޤާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޤާނޫނަކުން އުންޏެއް ނުކުރެވޭނެ،" ހަބީބު ވިދާޅުވި އެވެ.

ޕީއެންސީން ބުނިގޮތުގައި އެ ޕާޓީއަށް ސޮއިކޮށްފައިވަނީ ހުރާ ދާއިރާއަށް އިންތިހާބުވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއަށް އިންތިހާބުވި ޙަސަން ޒަރީރު، މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބުވި އަހްމަދު ޒަމީރު، ތިމަރަފުށި ދާއިރާއަށް އިންތިހާބުވި އަހްމަދު ރިޔާޒް، ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާއަށް އިންތިހާބުވި އާޒިމް އަބްދުލް އަޒީޒެވެ.

މީގެ ތެރެއިން ފަސް ބޭފުޅުންނަކީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ނަމަވެސް ޕީއެންސީގެ ދަފުތަރުގައި ތިއްބެވި ބޭފުޅުންނެވެ. އަނާރާ އާއި އާޒިމް އަދި ޒަމީރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވި ތިން ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން އަނާރާ އާއި ޒަމީރު އިންތިހާބަށް ނިކުންނަވާފައި ވަނީ ރައީސް މުއިއްޒުގެ ތާއީދާ އެކުގަ އެވެ.