Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

ޝާހިދުގެ ޝުކުރު ރައީސް މުއިއްޒަށް

އަބްދުﷲ ޝާހިދު - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލްގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ކުރެއްވި އިންތިޒާމުތައް ފާހަގަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައިފި އެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާގެ މެސެޖްގައި ފާޅުކުރައްވާފައިވާ ހިތްޕުޅުހެޔޮ ޝުޢޫރުތަކަށް ޢާއިލާގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

"ޢާއިލާއަށް ދިމާވި ނުހަނު ހިތްދަތި މިދަނޑިވަޅުގައި މަނިކުފާނުގެ އިރުޝާދުގެ މަތިން ބައްޕަގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ކުރެއްވި އިންތިޒާމުތަކަށް ވެސް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ކަށުނަމާދު ކުރިއަށް ގެންގޮސްފައިވަނީ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. ކަށު ނަމާދުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ރައީސް މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ކުރީގެ ރައީސް ސޯލިހް، ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އަދި ސިޔާސީ އިސްފަރާތްތަކުން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ޝައިހް މޫސާ ޖަމީލު ދީދީއަކީ ރާއްޖޭގައި ކުރިން ރަސްކަން ކުރި ހުރަވީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ހުންނެ އެންމެ ދޮށީ ބޭފުޅާ އެވެ. ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލުދީދީގެ ފަސް ވަނަ ކާފާފުޅެވެ.