Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

ސްޓެލްކޯ އަކީ އެއްވެސް ޕާޓީއެއްގެ ޖަގަހައެއް ނޫން

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ

ސްޓެލްކޯ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ނޫން ކަމަށާއި އެ ފުރުސަތު މަގާމުގައި ހުންނަވައިގެން ނުދެއްވާނެ ކަމަށެވެ. އަދި އެއީ މި ސަރުކާރުން ބޭނުންވާ ގޮތެއް ވެސް ނޫން ކަމަށާއި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބުނު ނަމަވެސް އެއްވެސް މުއައްޒަފަކަށް ވަކި ފަރާތަކަށް ވޯޓު ދިނުމަށް އެދިފައި ނޯންނާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުންފުނި ތެރޭގައި އެއްވެސް ކަހަލަ ސިޔާސީ ހަރަކާތެއް ނުހިންގަން އަދި ސިޔާސީ ކެމްޕޭނަކަށް ކުންފުނީގެ މުދަލެއް ވެސް ބޭނުން ކޮށްފައެއް ނުހުންނާނެ." ފަހުމީ ވިދާޅުވި އެވެ.

ފަހުމީ މީގެކުރިން ވަނީ ސްޓެލްކޯގައި ދެމި ހުރިހާ ދުވަހަކު ކުންފުނީގައި ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވުމުން ސްޓެލްކޯ އިން ކޮރަޕްޝަން ނައްތާލެވޭ ނަމަ އެކަން ކުރެވޭނީ އޭނާ އަށް ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.

"ކުންފުނިން ކޮރަޕްޝަން ނައްތާލެވެންޏާ ލެވޭނީ އަޅުގަނޑަށް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. އަޅުގަނޑަކަށް މީހަކު ކިޔާ ދޭކަށް ނުޖެހޭނެ ސްޓެލްކޯއެއް. އަޅުގަނޑަށް އެނގޭ އެތަން. އިރާދަކުރެއްވިއްޔާ ތަފާތު ފެނިގެންދާނެ." ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯ ހިންގުމާއި ހަވާލުވި ފަހުމީ އަކީ އެކުންފުނީގެ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.