Last Updated: April 26, 23:59
Saturday, April 27, 2024
ކޮލަމް

އެ ޖަނގިޔަލުގެ ސިއްރު (5)

ބްލެކްމޭލް ކުރަން ފެށުން

ޖަމާއަތު ބުރުހާނުގެ ބްލެކްމޭލް ކުރުން ބެހިގެންވީ ދެ ބަޔަކަށެވެ.
އަލްއައްވަލް ފުރަތަމަ ބަޔަކީ ފައިސާ ހޯދުމެވެ. އައްސާނީ ދެވަނަ ބަޔަކީ
އިސްބަގޫލު ސަރިޔަތަށް އަސަރު ފޯރުވުމެވެ. މި ދެބައިންކުރެ ބައެއްގައި
ބުރުހާނު ސީދާ ގޮތެއްގައި ވަލީ މަހީދަކަށް ނުގުޅަ އެވެ. މިކަމަށް އޭނާ
ބޭނުންކުޅައީ މެދުވެރިންނެވެ. ސަރިޔަތާ ގުޅޭ ކަންކަމުގައި މެދުވެރިއަކީ
ގޯލްޑަންރޭ ދައީސެވެ. ފައިސާ ހޯދުމުގެ ކަންކަމުގައި އަޒަރުބައިޖާނެވެ. މި
ދެބައިވެސް ކުރިއަށް ގެންދިޔައީ އެކުއެކީގަ އެވެ. މިމީހުން އެދުނުހައި
ކަމަކަށް ވަލީ މަހީދު ދިޔައީ ކިޔަމަންތެރިކަމާއިއެކު ބޯލަނބަމުންނެވެ.
އާނއެކޭ އާނއެކޭ މިނޫން އެހެންގޮތެއް އޮތީކީވެސް ނޫނެވެ. އަހައި
ކިޔަމަންވާން އޮތީ މަޖުބޫރުވެފަ އެވެ.

މިހައިރު ފައިސާ ހޯދުމުގައި އަޒަރުބައިޖާނު ހުންނަނީ ލަދު ހަޔާތޭ މިކިޔާ
ލިބާސް ކަޝްފުކޮށްގެންނެވެ. ކޮންމެ މަހަކުވެސް މުސާރަ ލިބިއްޖެކަން
ކަށަވަރުވީމާ މީނާ ކުރާކަމަކީ މަހީދަށް ގުޅާފައި ތިމަންނާ މިއަދު
ތިގެއަށް ލާރިކޮޅެއް ބަލައި އެބަދަމޭ ބުނުމެވެ. މިހެން ބުނީމާ އެ
ދުވަހަކު ވަލީ މަހީދު ގެއަށް ދާނީ ކުރީ މަހު އޭނާގެ މުސާރައިގެ ޖުމްލަ
ފައިސާ ޖީބަށް އަޅައިގެންނެވެ. ދެން ކާރުގައި ގޭދޮށަށް ފައިބައި ދެކޮޅު
ހޯދާ ބަލައި މީހަކު ފެންނާން ނެތީމާ ހަށިފާރަވެރި ހެވި ކަލޭގެ
ފޮނުވާލާފައި މާނޭވައެއްވެސް ލާފައި ގެއަށް ވަންނާނެ އެވެ. އޭރު ސިޑި
ދަށުގައި ނިވައިވެގެން އަޒަރުބައިޖާނު ހުންނާނެ އެވެ. މިހެން ހުރެފައި
މަހީދުގެ ކުރިމައްޗަށް ފުންމައިގެންގޮސް ޖެހިފައި ގޮވައިލާނެ އެވެ. ވަލީ
މަހީދު ބޭބޭ ވަލީ މަހީދު ބޭބޭ އެވެ. ދެން ކުއްލިއަކަށް ސިހިގެންގޮސް
މޫނުމައްޗަށް މީނާގެ އަސްލު ކަޅުކަމަށްވުރެވެސް އެންދެރި ކަޅުކަމެއް
ގެނެސްފައި ލޯ ބޮޑުކޮށްފައި މަހީދު ބުނާނެ އެވެ. އަމެވެ. މިހިރީ ކަލޯގެ
ދީނާރުކޮޅެވެ. ތިޔައީ ހަރާން ފައިސާ ނޫން އެއްޗެއް ކާން އެނގޭ ކުއްތާއެއް
ނޫނިއްޔާ އެވެ. މިހެން ކިޔާފައި ފައިސާކޮޅު ދީފައި އަވަސް އަވަހަށް
ހިނގައިދާނެ އެވެ.

ވާހަކަ ކިޔާމީހުން ކިޔަތެވެ. މި ބީދައިން ވަލީ މަހީދުގެ މަހު މުސާރަކޮޅު
ބަރާބަރު ދޮޅު އަހަރުވަންދެން އަޒަރުބައިޖާނު ދިޔައީ އަތުލަމުންނެވެ.
މިކަން މަޖާވެގެން އެވެރިން މިކަމަށް ކިޔައި އުޅުނީ މަހު ޖިޒީ
އަތުލުމެވެ. މުސާރަކޮޅު ކޮންމެ މަހަކު އަޒަރުބައިޖާނަށް ދީފައި ދެން
މަހީދު ބަނޑުފުރާނަ މުއްތި ކުޅައީ ކޮންގޮތަކުންތޯ މި ވާހަކަ ކިޔާމީހާ
ސުވާލު ކުރުން އެކަށީގެންވެ އެވެ. ރިވާވެގެންވެޔޭ މި ހާލަތުގައި ވަލީ
މަހީދު ހުރީ ނިކަން ދީލަތި ސާދާގަރެއްގެ ދީލަތިކަމުގެ ހިޔަލުގަ އެވެ.
ވާނީވެސް އެހެންތާ އެވެ. އިސްބަގޫލު ފަނޑިޔާރަކު ސްޕޮންސަރކުރަން ލިބޭ
ފުރުސަތެއް ނަގައިލާން ރުހެވޭނެ ސާދާގަރަކު މިނިކާރާއްޖޭގައި
އުޅުނީކީވެސް އަދި އުޅޭނީކީއެއްވެސް ނޫނިއްޔާ އެވެ. އެ ރާއްޖޭގައި
ނަޒާހަތްތެރިކަމޭ މިކިޔާ ސިފަ އޮންނަނީ މިހައިވަރަށް ވެސް ނިކަމެތިވެ
ފުހެވިފަ އެވެ.

ވީޑިއޯ ވިއްކައިލުން

މިނިކާރާއްޖެއަށް އައި ނުރައްކާތެރިވެގެންވާ ޒަލްޒަލާއެއްގައި
މުލިމުއްޔަށް ހުންނަ ގަނޑުވަރުގެ މަތާރަންފިލާ ގުޑައި އޭގެ މަތީގައި ހުރި
ވިލާތު ސަރުބަތު ފުޅިތައް ތެޅި އައްޑުސްތާނޭ ކިޔުނު އިލާގާގައި
ބެހެއްޓިފައިވާ ބުދުތައް މުގުރިއްޖެ އެވެ. ރަންޖެހިކޮށްޓާއި
ބަނޑޭރިޔާކޮށީގެ ކޮއިލު އިރައިގެން ހިގާއްޖެ އެވެ. ގުޑުންތައް މައިތިރިވެ
މައިދާން ސާފުވިއިރު ކަލަމިންޖާ ގަޝީދުގެ ތާޖުވެސް އޮތީ ބިންމަތީގަ އެވެ.
މިއަށްފަހު ދެން ތަޚުތުގައި ރެދަލި ކުރައްވާން ފެއްޓެވީ ކާޅު ޕާޓީގެ ޑރ
ފަހީދު މަނިކެވެ. މި ދަނޑިވަޅުގައި ބުރުހާނަށް ވިސްނުނު އެއްޗަކުން މީނާ
މޮޅު ވިޔަފާރިއެއް ފައިދާކޮށްފި އެވެ. ގަޝީދުގެ ލަވަޕާޓީއަށް
އިސްބަގޫލުންގެ މައްޗަށް ވަރަށް ބާރު ހިންގިދާނޭ ހަތިޔާރެއް ތިމަންނާގެ
އަތުގައި އެބައޮތޭ ކިޔައިގެން އެންމެފަހުން ހަތަރު މިލިއަން ދީނާރަށް
މީނާގެ ހާޑް ޑިސްކު ވިއްކާލައިފި އެވެ.

އޭރު މިނިކާރާއްޖޭގެ ފާރަވެރިން ތިބެނީ ދޭތެރެއަކުން ލަވަޕާޓީ އަށް
ކޮންމެވެސް ކަހަލަ ގޯނާއެއް ކޮށްލަކޮށްލަ އެވެ. އެހެންވެގެންކަން ނޭގެއޭ
މި ޑިސްކު ފޮރުވާނެ ތަނެއް ނޭގިގެން އުޅެނިކޮށް ގަޝީދު ބުނެފިއޭ ތިޔައެތި
އެންމެ މޮޅުވެގެންވަނީ ހިންދު ކަރައިގެ ސަފީރު މުއްލާ މަނިކުފާނުގެ
ބެލުމުގެ ދަށުގައި އޭނާގެ އޮފީހުގައި ބޭއްވުމެވެ. އެތަނަކީ
މިނިކާރާއްޖޭގެ ފާރަވެރިންނަށް ވައިއެޅިލާންވެސް ކެރޭނެ ތަނެއް ނޫނެވެ.
ދެން ތިޔައެތީގެ ބޭނުން ޖެހުނީމާ ނަގާނީ އެވެ. މިހެން ކިޔާފައި ސަފީރު
މުއްލާ މަނިކުފާނާއި މި ޑިސްކު ހަވާލުކޮށްފި އެވެ. އެއަށް ފަހު އެއެތި
އޮންނަނީ ހިންދުކަރައިގެ ސަފީރުގެ އޮފީހުގައި ހުންނަ ތިޖޫރިއެއްގެ ތެރޭގަ
އެވެ.

މިވިޔަފާރި ކުޅައީ ދެވަނަ މީހެއްގެ އަތުގައި މީގެ ކޮޕީއެއް ނޯންނާނެ
ކަމުގެ ޔަގީންކަން ލަވަޕާޓީއަށް ދިނުމާއެކުގަ އެވެ. ގަޝީދުވެސް ހީކުޅައީ
މީތެދެއް ކަމުގަ އެވެ. އެހެންވެގެން މިމަނިކުފާނުވެސް ހުންނަވަނީ
ދަނޑިވަޅު ޖެހޭ އިރަށް އިސްބަގޫލުންނާ ދެކޮޅަށް މި ހަތިޔާރު
ބޭނުންކުރުމުގެ އެދުމުގަ އެވެ.

ފައިސާކޮޅު ބުރުވައިލުން

ހަތަރު މިލިޔަން ދީނާރަކީ ވަރަށް ބައިވަރެވެ. މި އަދަދަށް ފައިސާ
ލިބުނީމާ މިއިން ބައިއަޅާކަށް ބުރުހާނުގެ ހިތެއް ނުރުހުނެވެ. ހާޑްޑިސްކު
ވިއްކާލިކަން އޭރު ފަރުހަތަށް ވެސް މޭރުންވެއްޖެ އެވެ. މިކަން އެނގިގެން
ބަލަގަ ތިމަންނާގެ ދުއްކާނުވެސް އެހެރީ ހުލިވާން ކައިރިވެފައޭ ދޮޅު
މިލިއަނެއްހާ ދީނާރު ތިމަންނާޔަށް ދިނިއްޔާ ކީއްހޭ ކިޔައިގެން އެތިކޮޅެއް
ލިބޭތޯ ފަރުހަތުވެސް ވަރަކަށް އުޅުނެވެ. ބައިއަޅާން ބުރުހާނު އިންކާރު
ކުޅައީމާ އާނ ދެން ހެވޭ އަހުރެމެންވެސް ދެން ބަލާން ތިބޭނޫއޭ ކިޔާފައި
ވަރަށް ނުރުހިގެން ހުރެ ފަރުހަތު ހިނގާއްޖެ އެވެ.

ބުރުހާނު އަވަސްވެގަތީ ސިޔާމޭ ކިޔުނު ރާއްޖެއިން އަގުބޮޑު ބިޔަ
މޮޓޯރސައިކަލެއް ގެނައުމަށެވެ. މި މޮޓޯރ ސައިކަލް ގެނައީވެސް
އަވަސްކުރާން ވެގެން އެއަރފްރެއިޓްކޮށްނެވެ. މިކަމަށް ވެސް މިލިޔަނެއްހާ
ދީނާރު ހޭދަވި ކަމަށް ރިވާވެގެންވެ އެވެ. އެދުވަސްކޮޅު ލަވަޕާޓީގެ މީހުން
ނުހަނު ހިތާމައިގައި ތިއްބައިމެ ބުރުހާނު ފެންނަނީ އެއްއިރު ބިޔަ
މޮޓޯރސައިކަލުގައި އަނެއްއިރު ކާރުގައި ބުރުޖަހާ މަންޒަރެވެ.
ދުވަސްކޮޅަކުން އެއްކަލަ ވީޑިއޯގެ އެކި ކުލިޕްތައް އެކި މީހުން
ގެންގުޅޭކަން ލަވަޕާޓީގެ ވެރީންނަށް އެނގި ބުރުހާނުގެ އިތުބާރުވެސް
ގެއްލޭގޮތްވެ ގަޝީދުގެ އެތެރެކޮއިލާ ހަމައަށް ވާސިލުވުމުގެ ދޮރު މީނާއަށް
ބަންދުވެއްޖެ އެވެ. (ނުނިމޭ)