Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

އަމިއްލަ ގޮތުން ހޮވުނު އިތުރު މެމްބަރަކު ޕީއެންސީ އަށް

އަމިއްލަ ގޮތުން ހޮވުނު އިތުރު މެމްބަރަކު ސަރުކާރު ހިންގާ ޕީއެންސީ އަށް ސޮއިކުރައްވައިފި އެވެ.

ޕީއެންސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް، ނޮޅިވަރަމް ދާއިރާ އަށް އިންތިހާބުވި މުޙައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

ރަޝީދު އެ ގޮނޑި ކާމިޔާބު ކުރެއްވީ 722 ވޯޓު ހޯދައިގެންނެވެ. އޭނާއާ އެންމެ ގާތުން އެ ގޮނޑި އަށް ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލި އަހުމަދު އަޝްރަފް އެވެ. އޭނާ އަށް ލިބުނީ 653 ވޯޓެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި ހަ މެމްބަރަކު މީގެކުރިން ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފަ އެވެ.

މިއާއެކު 20 ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 73 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 77 އަށް މިހާރު ވަނީ އަރާފަ އެވެ.

މަޖިީލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެކެވެ.