Last Updated: May 4, 19:16
Saturday, May 4, 2024
ޚަބަރު

ސްޓޫޑެންޓް ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ދޫކުރާ ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ ލޯނަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 28ގަ އެވެ.

އޭރު ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މުއްދަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ވަނީ މިފަހަރު ހުޅުވާލާފަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ފަސް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިފަހަރު ހުޅުވާލި ލޯނު ފުރުސަތުގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލޯނު ލިބޭނެ ކަމަށެވެ.

މި ލޯނުތަކަށް ދަރިވަރުން ހޮވުމުހައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަން ވެސް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.