Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ މާލޭ ބްރާންޗް - ފޮޓޯ: އެމްއެންޔޫ

މޯލްޑިވްސް ނެޝަނަލް ޔުނިވާސީޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރިޔަސް ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި، 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީ ގޮތުންނެވެ. ނަމަވެސް މިހާރު ވަނީ މެޑިކަލް ސްކޫލްގެ ޚިދުމަތް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމާފަ އެވެ.

މިކަމާ ގުޅިގެން ގައުމީ ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ބުނީ މެޑިކަލް ސްކޫލްގެ ވަސީލަތްތައް ޤައުމީ ޔުނިވަރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކޮށް ޢާއްމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އެ ހޮސްޕިޓަލުން އިތުރު ޖާގަ ބޭނުންވާތީ ކަމަށެވެ.

އަދި މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ބުނެ އެވެ. އަދި ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެންޖެހޭ ޢަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލްގެ ކެމްޕަސް ހުޅުމާލޭގައި އެޅުމަަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.