Last Updated: May 5, 18:07
Sunday, May 5, 2024
ޚަބަރު

ކައުންސިލްތަކުގެ އޮފީސް އަޅަން ޗައިނާ އެހީ ވަނީ

ކައުންސިލްތަކުގެ އާ އޮފީސް އިމާރާތް އެޅުމަށް ސަރުކާރުން ފެށުމަށް ނިންމާފައިވާ ބޮޑު މަޝްރޫއު އަށް ޗައިނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ކައުންސިލް އިދާރާގެ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއުގެ ދަށުން އެއް ފަހަރާ 50 ރަށެއްގައި އެ ޕްރޮޖެކްޓް ހިންގަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެލްޖީއޭ އިން ކުރިއަށްގެންދިޔަ "ފަނޯއްލަ" ދަރުބާރުގައި ވާހަކަދައްކަމުން ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި އަހަރު ތެރޭގައި 50 ކައުންސިލެއްގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި އެ މަސައްކަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޗައިނާ ސަރުކާރުން ދެއްވާނެ ކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

"ވަރަށް ބޮޑު އުއްމީދެއް، ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އިރާދަކުރެވިއްޔާ މިއަހަރުގެ ތެރޭގައި 50 ކައުންސިލްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އެހެން ކައުންސިލްތަކަށް ވެސް ރަނގަޅު ގޮތްތަކެއް ފަހިކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކައުންސިލް އިދާރާ އެޅުމަށް 50 ރަށް ހިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ، އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ގިނަ ކައުންސިލްތަކުގައި މަސައްކަތް ކުރާނެ ޖާގައެއް ނެތް ކަމަށާއި ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ސަމާލުކަން ދެވިފައި ނުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.