Last Updated: May 9, 02:20
Thursday, May 9, 2024
ޚަބަރު

ވަޒީރުންގެ ދެވަނަ ފޯރަމަށް މިހާރު ސުވާލު ފޮނުވޭނެ

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ވަޒީރުންގެ ދެވަނަ ޕަބްލިކް ފޯރަމް ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން "އަހާ"ގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ ހޯމަ ދުވަހުގެރޭ 8:30 ގަ އެވެ.

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

އެ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލު ފޮނުވާނީ އޭއެޗް ޖެހުމަށް ފަހު ކުޑަ ހުސްތަންކޮޅެއް ދިނުމަށް ފަހު، ސުވާލު ލިޔުމަށްފަހު 300 ނަމްބަރަށެވެ.

ދެ މަހުން އެއްމަހު ބާއްވާ މި ފޯރަމްގައި ބޭނުން ސުވާލެއް، އެ ފޯރަމްގައި އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ލިބޭނެ އެވެ.

މި ސަރުކާރުން 'އަހާ' ފޯރަމް ފަށައި އެފަދަ ފުރަތަމަ ފޯރަމެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 25ގަ އެވެ. އޭގެފަހުން ބޭއްވި ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.