Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

މުއިއްޒު ފަދަ ވެރިން ގައުމުތަކަށް މަދުން ނޫނީ ނުލިބޭނެ

ރައީސް މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ވެރިން ގައުމުތަކަށް މަދުން ނޫނީ ނުލިބޭނެ ކަމަށް ލ. ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އަމިއްލަ މަންފާ އަށް ވުރެ މުޅި ގައުމާއި މުޅި މުޖުތަމައުގެ މަންފާ ކުރިއަށް ނެރެދިނުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވާ ކަމަށާއި އެފަދަ ވެރިންނަކީ މަދުން ނޫނީ ގައުމުތަކަށް ލިބޭނެ ބައެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒަކީ ގާބިލު، ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމުގައި އެމަނިކުފާނުގެ އިހުލާސްތެރި ނިޔަތެއް އެބައޮތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަންވީ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ މަގުން ހިނގަންވީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވަނީ މި ސަރުކާރުން ހައްދުންމަތި އަދި ހާއްސަކޮށް ފޮނަދޫ ދާއިރާގެ ތަރައްގީ އަށް ކުރަންޖެހޭ ކަންކަން ކުރުމަށް 24 ގަޑިއިރު ވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި ފޮނަދޫ ރައްޔިތުން ދޫކޮށްލާފައި އެހެން ދިމާލަކަށް ނުދާނެ ކަމަށާއި އަބަދުވެސް ހުންނާނީ ފޮނަދޫ ދާއިރާގެ ރައްޔިތުންގެ ފިކުރުގައި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ކޮންމެ މަގާމަކަށް ދިޔަ ކަމަށް ވިޔަސް އިރާދަކުރެވިއްޔާ ތިޔަ ބޭފުޅުންގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭނެ. ތިޔަ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮންނާނީ އިހުތިރާމާއި ލޯބި، ޝުކުރާއި ތައުރީފު" އަދުރޭ ވިދާޅުވި އެވެ.