Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ގުޅީފަޅަށް ގޯތި ބަދަލުކުރަން އެދި 1،913 ފޯމު

ކުރީގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި ގޯތިތަކެއް ގުޅިފަޅަށް ބަދަލުކުރަން ދިން މުހުލަތުގެ 1،913 މީހުން ފޯމު ހުށައަޅައިފި އެވެ.

ގިރާވަރުން ދޫކޮށްފައިވާ 1،347 ގޯއްޗެއް ގުޅިފަޅަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައި އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައި ދިން މުއްދަތު ފުރަތަމަ ހަމަވީ މި މަހުގެ 14 އަށެވެ. ނަމަވެސް ފަހުން މުއްދަތު މި މަހުގެ 19 އާ ހަމައަށް އިތުރުކުރި އެވެ.

ގުޅިފަޅަށް ބަދަލުކުރުމަށް ނިންމި ގޯތީގެ ބޮޑުމިނާއި އަދަދު:

* 1،250 އަކަފޫޓުގެ 193 ގޯތި
* 1،650 އަކަފޫޓުގެ 663 ގޯތި
* 2،050 އަކަފޫޓުގެ 487 ގޯތި
* 2،450 އަކަފޫޓުގެ 4 ގޯތި

މިނިސްޓްރީން ބުނީ ދިން މުއްދު ހަމަވި އިރު، 1،250 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް 928 ފޯމު ހުށަހަޅާފައިވާ އިރު، 1،650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް 769 ފޯމާއި، 2،050 ފޫޓުގެ ގޯތި ބަދަލުކުރުމަށް 213 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން 2،450 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ތިން ފަރާތަކުން އެދިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އިއުލާނުކުރި އަދަދަށް ވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާ ކަމަށެވެ. އެހެންވެގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންނެވެ. ގުރުއަތުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 1،250 އާއި 1،650 އަކަފޫޓުގެ ގޯތި ލިބިފައިވައިފަރާތްތަކުގެ މެދުގައި އެވެ.

ގުރުލާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ 2،050 އަކަފޫޓާއި 2،450 އަކަފޫޓުގެ ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް އެދި ހުށައެޅި ހުރިހާ މީހުންގެ ގޯތި ގުޅީ ފަޅަށް ބަދަލުކުރަން ނިންމީ ކަނޑައެޅި އަދަދަށްވުރެ މަދުން ފޯމު ހުށައަޅާފައި ވުމުން ކަމަށެވެ.

ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށައެޅި މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ނަމަ، އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން ޝަކުވާ ހުށަހަޅަން މިހާރު އޮތީ ފުރުސަތު ދީފަ އެވެ.