Last Updated: May 18, 08:39
Saturday, May 18, 2024
ޚަބަރު

މީޑިއާތަކަށް އިންޒާރު ދިނުން ސަރުކާރުން ކުށްވެރިކޮށްފި

މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފި އެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާ ކަމަށެވެ.

ފޮރުވިގެން ތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށާއި އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ޤާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ކަމަށްވެސް ބުނެފައވެ އެވެ.

"އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ޤައުމީ މަޞްލަޙަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރައްވައި، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރެއްވުމަށް މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ،" ސަރުކާރުން ބުންޏެވެ.

ސަރުކާރުން ވަނީ ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށް ބުނެފަ އެވެ. އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.