Last Updated: May 18, 10:25
Saturday, May 18, 2024
ޚަބަރު

މަސައްކަތްތެރިންނަށް އޮތީ އުޖާލާ ކުރިމަގެއް

ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށާއި އެކި ދާއިރާތަކުން ޤައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ޙިއްޞާދާރުންނަކީ، ހީވާގި މަސައްކަތްތެރިން ކަމަށާއި މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ޤައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ޙަޤީޤަތަކަށް ނުވާނެ ކަމަށެވެ.

ދިވެހި ސަރުކާރު ހިންގުމާ އެމަނިކުފާނު ހަވާލުވެވެވަޑައިގެންނެވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސް ކަމަކީ މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން ކަމަށާ ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށްވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަންޏާއި، އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭ ވެސް މިފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި ހިންގުމުގެ ހަރަދުތައް ނުކުރެވި ގައުމުގެ އިގްތިސާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފަ އެވެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމާއު މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާ އެއްދީ ގައުމުގެ އިގްތިސާދީ ލޭނާރު ހިމާޔަތް ކުރުމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި ސިވިލް ސާވިސް އާއި ސިއްހީ ހިދުމަތް ފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުމަށް ފަހު މަސައްކަތާ ފެޔަށްޖެހިފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތް ކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާ ވިޔަނުދީ އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު މިހާރު މިދަނީ ހޯދައިދެމުންނެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި މަސައްކަތްތެރިކަން އުނގަންނައިދިނުމާއި އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަސާއި ގައުމަށް މަންފާ ހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް އާއިލާތަކުން ފުދުންތެރިކަން އިތުރު ކުރުމަށް ފަސޭހަ ކޮށްދެއްްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށާއި ގައުމުގެ އިގްތިސާދު ގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވަނީ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހޭ ކަމަށް ވެެސް ވިދާޅުވެފަ އެވެ،

އަދި ސަރުކާރު މުވައްޒަފުންގެ އިތުރުން އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތް ކުރާ މަސައްކަތްތެރީންނަށް ވެސް ބޯހިޔާވަހިކަމުގެ ސްކީމްތައް ތައާރަފު ކުރުން މުހިންމު ކަމުގައި ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
މަސައްކަތުގެ މާހައުލުގެ ރައްކައުތެރި ކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުމާއި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމުކަން ފާހަގަ ކުރައްވާ އެ ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައި ކަމުގައި ވިދާޅުވި އެވެ.