Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

ފުލުހުންގެ ބޭނުމަށް ބިދޭސީން ހޯދަން ކުރި އިއުލާން ބާތިލު

ފުލުހުންގެ މައި އިދާރާ

ފުލުހުންގެ ބޭނުމަށް ބިދޭސީން ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

ފުލުހުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި ބިދޭސީންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެ މަސައްކަތަށްް ބީލަން ހުށަހަޅަން ހުޅުވާލާފަ އެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެ އިއުލާނު ބާތިލް ކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ އިއުލާނަކީ ފުލުހުންގެ އިދާރާގެ ޑިޕާޓްމެންޓުތަކުގައި ބިދޭސީން ލައްވާ ކުރުވަމުން އައި މަސައްކަތް ކުރުމަށް، ބިދޭސީން ހޯދުމަށް ކުރި އިއުލާނެއް ކަމަށެވެ.

"އިއުލާން ބާތިލުކުރެވުނީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް (އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި) ފުލުހުންގެ ހިދުމަތުން އަމަލު ކުރުމަށް ނިންމާފައިވާތީ" ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ ބޭނުމަށް ބިދޭސީން ގެންނާނެ ފަރާތެއް ހޯދުމަށް އިއުލާންކުރި އިރު، މިދިޔަ ހަފުތާގައި ބޭއްވި "އަހާ ފޯރަމް" ގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދިވެހި ރައްޔިތުން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.