Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

އިޒްރޭލު ޕާސްޕޯޓް މަނާކުރުން އަދިވެސް އޮތީ މަޝްވަރާގައި

އިޒްރޭލު ރައްޔިތުންނަށް ރާއްޖެ އައުން މަނާ ކުރުމާއި މެދު އަދިވެސް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ސަރުކާރުން ކުރަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ. އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ އެކު ކުރަމުންދާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ނަގަން ޖެހުނު ކޮންމެ ސްޓޭންޑެއް ނަގާނަން،" ހީނާ ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށާއި، އެ ގައުމުން ބޭރުކުރާ ތަކެއްޗާއި އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރުން މަނާކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ކުރީކޮޅު ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.

މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު ދާދިފަހުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރަށް ލަފާދޭން ވެސް ނިންމައިފަ އެވެ. އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އިމިގްރޭޝަންގެ ގާނޫނު އިސްލާހުކޮށް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ.