Last Updated: May 19, 13:17
Sunday, May 19, 2024
ޚަބަރު

އިންކުއަރީ އަލުން ހަދައިފިނަމަ ވަރަށް ގިނަ ކަންކަން އެނގޭނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ އަލުން ހަދައިފިނަމަ ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން އެނގިގެންދާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަރީފް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދަށް ދެވުނު ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީ ހަދަން 100 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި ކަމަށާއި އެ އިންކުއަރީން ދެނެގަންނަން ބޭނުންވި އެންމެ މުހިއްމު ކަންކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.

ނަޝީދަށް މެދުވެރިވި ފަދަ ހާދިސާއެއް އެއްވެސް އިންސާނަކަށް މެދުވެރިވާން ނޭދޭ ކަމަށާއި އެ ދުވަހު އެ ހަމަލާ ކުށްވެރި ކުރި ފަދައިން މިއަދު ވެސް އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ އަމަލުތަކާ ދެކޮޅަށް އަދި ނަޝީދަށް އިންސާފު ހޯދައިދިނުމަށް ބައެއް މަޖިލިސް މެމްބަރުން ރެޔާއި ދުވާލު ކުރެއްވި މަސައްކަތްތަކުގެ ހަނދާން ވަރަށް ބޮޑަށް އާވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ ކުޅަދާނަ ޑޮކްޓަރުން ނަޝީދުގެ ފުރާނަ ސަލާމަތް ކުރެއްވި މަސައްކަތްތަކަށް ވެސް ވަނީ ސާބަސް ދެއްވާފަ އެވެ.

"މީގެ 10 އަހަރު ފަހުން ނަމަވެސް އެ އިންކުއަރީ އަލުން ހަދައިފި ނަމަ އެ ދުވަހު ދެނެ ނުގަނެވުނު ވަރަށް ގިނަ ކަންކަން ދެނެގަނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މޭ 6 ހަމަލާއާ ގުޅިގެން ތައްޔާރުކުރި 271 ސޮފްހާގެ އިންކުއަރީ ރިޕޯޓުގައި ވަނީ ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި، ހަމަލާދެވުނު ދުވަހާއި އަދި އޭގެ ފަހުން ހިނގާދިޔަ ކަންކަން ތަފްސީލީ ގޮތެއްގައި ހާމަކޮށްފަ އެވެ. 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގައި ވަނީ 45 ރެކަމެންޑޭޝަނެއް ހުށަހަޅާފަ އެވެ.

މޭ 6 ވަނަ ދުވަހު ބޮމެއް ގޮއްވާލާ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އަދި އެ ހަމަލާއިން ލިބުނު ޒަހަމްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ މައްޗަށެވެ. މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.