Last Updated: May 19, 16:05
Sunday, May 19, 2024
ޚަބަރު

މިނިސްޓަރުންތަކެއްގެ ބޭރު ދަތުރު ތާވަލު ހިއްސާކޮށްފި

މި މަހުގެ ތެރޭގައި މިނިސްޓަރުންތަކެއް ރާއްޖެ އިން ބޭރަށް ކުރަން ހަމަޖެހިފައިވާ ރަސްމީ ބޭރު ދަތުރުތައް ރޭވިފައިވާ ގޮތް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

މިއީ މިނިސްޓަރުންގެ ދަތުރުތަކެއް ދުރާލައި ސަރުކާރުން އާންމުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މި ސަރުކާރުގެ މިނިސްޓަރުންތަކެއް މި މަހު ރާއްޖެ އިން ބޭރަށް ކުރަން ހަމަޖެހިފައިވާ ދަތުރުތަކާ ގުޅޭ ބައެއް ތަފުސީލު އިއްޔެ ހިއްސާކޮށް ދެއްވީ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވަ އެވެ.

މިނިސްޓަރުންތަކެއް މި މަހު ރާއްޖެ އިން ބޭރަށް ކުރައްވާ ދަތުރުތައް:

* ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އަރަބް ޓެރެވެލް މާކެޓްގައި ބައިވެރިވެވަޑައިގަންނަވަން ޔޫއޭއީ އަށް
* އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފައިނޭންޝިއަލް ސާވިސްގައި ބައިވެރިވެވަޑައިގަންނަވަން ލަންޑަނަށް
* ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަން ގަތަރަށް
* އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު، ކޮމަންވެލްތުގެ އެޑިއުކޭޝަން މިނިސްޓާސްގެ ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވަން ލަންޑަނަށް
* ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު، ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން އުޒުބެކިސްތާނަށް
* ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް، ވޯލްޑް ޓޫނާ ޓްރޭޑް ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވަން ބެންކޮކަށް
* ފޮރިން މިނިސްޓަރު މޫސާ ސަމީރު، އަވައްޓެރި އިންޑިއާ އަށް

ނަމަވެސް މި ދަތުރުތައް ރޭވިފައިވާ ތާރީހުތައް ހާމައެއް ނުކުރެ އެވެ. އެކަމާ ގުޅޭ ގޮތުން ހީނާ ވިދާޅުވީ އެ މައުލޫމާތުތައް ހިއްސާކުރާނީ އެ މިނިސްޓްރީއަކުން ކަމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ސަރުކާރުން ކުރާ ދަތުރުތަކުގެ މައުލޫމާތު ވީހާ ވެސް ހާމަކަން ބޮޑުކޮށް އަބަދު ވެސް ހާމަކުރާނެ އެވެ. އެގޮތުން މިހާތަނަށް ރައީސާއި ނައިބު ރައީސް ބޭރަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ ހަރަދުތައް ސަރުކާރުން ހާމަކޮށްފައިވެ އެވެ.