Last Updated: August 22, 21:36
Thursday, August 22, 2019
ކޮލަމް

އެ ޖަނގިޔަލުގެ ސިއްރު 6

ފަރުހަތު ކުޅަ ވިޔަފާރި

މިނިކާރާއްޖޭގެ ވެރިކަން ކުރާ ސަހަރުކަމަށްވާ މާލިސްތާނުގައި ބައިބޯވެ
ބަންޑުންވާ ހިސާބަށް ދިޔައިމާ އެސަހަރާ ނުހަނުގާތުގައިވާ ގުޅިއެއް
ހިއްކާން ފަށައިފި އެވެ. ފަހެ މިގުޅީގެ ވަށައިގެން ތޮށިލާން ޖެހިގެން
ދައުލަތުން މިޒާތުގެ ކަންތަކާ މަތިކޮށްފައިވާ މަސައްކަތު ކޯޕަރޭޝަނޭ
ކިޔުނު ކުންފުނިން ސަބްކޮންޓްރެކްޓަރަކަށް އެކްސްވައިޒެޑޭ ކިޔުނު
އަމިއްލަ ކުންފުންޏެއް އިޚުތިޔާރުކޮށްފި އެވެ. މިއީ 67 މިލިއަން ދީނާރުގެ
މަޝްރޫއެކެވެ.

މި މަޝްރޫއުގެ ވަކި ހިސާބަކުން ފައިސާ ލިބުން ހުއްޓި މަސައްކަތްވެސް
ހުއްޓި އަތްމަތި ދަތިވާގޮތްވީމާ އެކްސްވައިޒެޑާއި މަސައްކަތު
ކޯޕަރޭޝަނާއި ދެމެދު އަރައިރުންތަކެއް ފައިދާވެއްޖެ އެވެ. އިސާހިތަކު މި
އަރައިރުންތައް ފަނޑިޔާރުގެއާ ހަމައަށް އުފުލައިފި އެވެ. ފަނޑިޔާރުގޭގެ
އެންމެ ތިރީބުރިން ނިޔާ އިއްވީ އެކްސްވައިޒެޑަށް އެއްވެސް ފައިސާއެއް
ދޭން ނުޖެހޭ ކަމުގަ އެވެ. މިކަމާ ހިތާ ނުވެގެން މިވެރިން ނިކަންއަވަސް
އަވަހަށް ފަނޑިޔާރުގޭގެ ދެވަނަ ބުރި ކަމަށްވާ ސައި ކޯޓުގައި އިސްތިއުނާފު
ކޮށްފޫ އެވެ. ސައިކޯޓުގެ ނިޔާ އައީ އެކްސްވައިޒެޑާ އެއްކޮޅަށެވެ. މިކަން
މިމަގުން ހިނގީމާ މަސައްކަތު ކޯޕަރޭޝަނުން މިކަން ފައިސަލާކޮށްދިނުމަށް
އެދި ފަނޑިޔާރުގޭގެ އެންމެ މަތީ ބުރިކަމަށްވާ އިސްބަގޫލު ކޯޓުގައި
އިސްތިއުނާފު ކޮށްފި އެވެ.

އެކްސްވައިޒެޑު ކުންފުނީގައި ތިބެނީ ހަތަރު ހިއްސާދާރުންނެވެ. މީގެ
ތެރެއިން ތިން މީހުންނަކީ ލިބުނު ކޮންމެ ގޮތަކުންވިޔަސް މަންފާ
ލިބިގަތުމުގެ އުސޫލަށް އީމާންވާ ބަޔެކެވެ. އަނެއް މީހާގެ ކިބައިގައި
ކޮންމެވެސް މިންވަރެއްގެ ދީންވެރިކަމެއް ހުންނަކަމުންތާއޭ ތާހިރު ހަލާލު
ގޮތުގައި ލިބޭ އެއްޗެއް ފިޔަވައި އެހެން އެއްޗަކުން މީނާގެ
އަނބިދަރީންނަށް ކާންދިނުމަށް ނުރުހިގެންވެ އެވެ. ކޮންމެއަކަސް މީނާއަށް
ސިއްރުން އަނެއް ތިން ހިއްސާދާރުން ގުޅިގެން އިސްބަގޫލު ކޯޓަށް ނުފޫޒެއް
ފޯރުވޭނެ ކޮންމެވެސް މަގެއް ކޮށައިލެވޭތޯ ގަދައަޅާން ފަށައިފި އެވެ.
މިހެން އުޅުނު އުޅުމުގައި އިސްބަގޫލުންގެ ތެރެއިން ވަލީ މަހީދަކީ ޓަކި
ޖަހައިލެވޭ ތަނެއްގެ ގޮތުން ގުޑުން އަރާ މީހެއްކަން މިވެރިން ދެނެގެންފި
އެވެ. ވަލީ މަހީދުގެ އަރިސް އައުވާނުންގެ ތެރެއިން ޖަނީބޭ ކިޔުނު މީހަކު
މެދުވެރިކޮށް މިވެރިން މީނާއާ ހަމައަށް ފާލަމެއްވެސް އަޅައިފި އެވެ. މި
ޖަނީބަކީ މިނިކާރާއްޖޭގެ ޖަޒީރާތަކަށް ކަނޑައެޅިގެންވާ ހަގު
ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ.

ޖަނީބު މެދުވެރިކޮށް މިވެރިން ހުށައެޅި އިނާމުތަކުގެ ތެރޭގައި ފައިބަރު
ދޯންޏެއްވެސް ހިމެނެ އެވެ. ވަލީ މަހީދުގެ ޝަރުތަކީ އިސްބަގޫލުގެ ނިޔާ
އިއްވުމުގެ ކުރީން ފައިބަރު ދޯނި މީނާ އެދޭ މީހެއްގެ ނަމުގައި
ރަޖިސްޓްރީކޮށްދިނުމެވެ. އެކްސްވައިޒެޑުން ބުނަނީ ރަޖިސްޓްރީކޮށްދޭނީ
އެވެރިންނާ އެއްކޮޅަށް ނިޔާ އިއްވުމުން ކަމުގަ އެވެ. ކޮންމެއަކަސް
މިޒުވާބެއް ދިގުލައިގެންގޮސް މައްސަލަ ނިމުން ލަސްވީމާ ވަލީ މަހީދަށް
ނުފޫޒު ފޯރުވޭނެ އިތުރު ގޮތެއް އޮތްތޯ ބަލަން މިވެރިންނަށް
މަޖުބޫރުވެއްޖެ އެވެ. މިގޮތަށް އުޅުމުގެ ތެރޭގައި މީގެ ހިއްސާދާރަކާއި
ސެލްނެޓު ނާރިގު ފަރުހަތާއި ބައްދަލުވެގެން ފަރުހަތުގެ އަތުގައި
މާވަރުގަދަ ހަތިޔާރެއް އޮތް ވާހަކަ ބުނެފި އެވެ.

ވަލީ މަހީދުގެ ވަތުބަތާން އެއްވެސް ހުރަހަކާއި ނުލައި ފެންނަ އަދި މީނާގެ
ތައުޒީރުކުރުންތައް ވެސް ފެންނަ ވީޑިއޯއެއް ފަރުހަތުގެ އަތުގައި އޮވެގެން
މި ވީޑިއޯ އެކްސްވައިޒެޑަށް ވިއްކާން މީނާ އެއްބަސްވެއްޖެ އެވެ. މީނާ
އެދުނީ ދެ މިލިޔަން ދީނާރެވެ. މިވަރު ބޮޑުވެގެން ވާހަކަ ދައްކަމުންގޮސް
އެންމެ ފަހުން ދޮޅު މިލިޔަން ދީނާރަށް އަގުކުޑަކުރުމުން މިއަގު ދީފައި
އެކްސްވައިޒެޑުން މި ވީޑިއޯ ގެންގޮސްފި އެވެ. މި ވިޔަފާރިއެއް ކުޅައުމުގެ
ބޭނުމަކީ ފައިބަރު ދޯނީގެ މުއާމަލާތުން އަސަރެއް ނުކޮށްފިނަމަ
ބިރުދެއްކުމާއި ބްލެކްމޭލް ކުރުމުގެ އުސޫލު އިސްކުޅައުމެވެ. ކޮންމެއަކަސް
ދޮޅު މިލިއަން ދީނާރު ލިބުނީމާ ފަރުހަތުވެސް އޭނާގެ ދުއްކާނުގެ ހުލިވުން
ނިމުމަކަށް ގެނެސް ބައުންސް ޗެކުތަކުގެ ކަންތައްވެސް ޚަލާސްކޮށް
ހަށިފޮޅާލައިފި އެވެ. އެކްސްވައިޒެޑުގެ ހިއްސާދާރުންނަކަށް ވެސް މި
ވީޑިއޯއަކީ އަދި އެހެން ބައެއްގެ އަތުގައި އޮތް ވީޑިއޯއެއް ކަމާއި މީގެ
މުއާމަލާތެއް އެއްވެސް ބަޔަކު ހިންގި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.
އެކަން ފަރުހަތު އޮތީ ވަރަށް މަކަރުވެރިކަމާއިއެކު ފޮރުވައިފަ އެވެ.

ފޭދުސްތާނުގެ ޖާއިޒުގެ ވާހަކަ

ދުވަސްވަރަކީ ކާޅު ޕާޓީގެ ޑރ ފަހީދު މަނިކު ކަލަމިންޖާގެ ރަސްކަމުގެ
ދުވަސްވަރެވެ. ކާޅު ޕާޓީގެ ފަރާތުން މިނިކާރާއްޖޭގެ ވަޒީރުލް އަޝްއާލު
ކަމާއި ފަރަންޖީ ބަހުން އެކިޔާ އެމްބެސެޑަރ އެޓް ލާރޖް ކަމަށް
އައްޔަންކޮށްފައި ހުންނެވި މަނިކުފާނަކީ ފޭދުސްތާނަށް ނިސްބަތްވާ ޖާއިޒު
މަނިއްޕުޅެވެ. މީނާއަކީ އެކްސްވައިޒެޑުގެ ބައެއް ހިއްސާދާރުންނާއި ގުޅުން
ބާއްވާ އެއުރެންގެ ރަހުމަތްތެރިޔެކެވެ. އެހެންކަމުން ވަލީ މަހީދުގެ
ވަތުބަތާނުގެ ވީޑިއޯ މިއުރެންގެ އަތުގައި އޮތްކަން ވަލީ މަހީދަށް
އެންގުމަށްޓަކައި މެދުވެރިއަކަށް ހަދަން މިވެރިންގެ ބުއްދިއަށް ފެނުނު
އެންމެ އެކަށީގެންވާ މީހަކީ ޖާއިޒު މަނިއްޕުޅެވެ. އެކަމަކު
މިކަންކުރުމުގެ ފުރަތަމަ މަރުހަލާގައި ޖާއިޒު މަނިއްޕުޅަށްވެސް މާގިނަ
މައުލޫމާތު ނުދޭން މިވެރިން އޮތީ ނިންމައިފަ އެވެ.

ޖާއިޒު މަނިއްޕުޅުގެ ގެއަށް ސިޓީ އުރައެއް އަތުވެއްޖެ އެވެ. މީތި ކަނޑައި
ބެލިއިރު އެތެރޭގައި އެއްވެސް ނޯޓެއް ނެތެވެ. ފޮނުވި މީހަކުވެސް
އެނގޭކަށް ނެތެވެ. މިކަމާއި ހައިރާންވެ ހުރެގެން ސިޓީއުރަ ޑަސްބިނަށް
ލައިފައި އިރުކޮޅަކު ވިސްނާން ހުރުމަށްފަހު އަނެއްކާވެސް ސިޓީ އުރަ
ނަގައި އޭގެ އެތެރޭގައި ލިޔެފައި ހުރިތޯ ބަލައިފި އެވެ. މިގޮތަށް
ބެލުމުގެ ތެރޭގައި ސިޓީއުރައިގެ ތެރޭން ކަޅުކުލައިގެ މެމަރީ ކާޑެއް
ބިންމައްޗަށް ވެއްޓިއްޖެ އެވެ. ދެން މި މެމަރީ ކާޑު ނަގައި މީނާ
ގެންގުޅޭ ސްމާޓު ފޯނަކަށް ލައްވައިގެން ބެލިއިރު އަސްތާ މިއީ ބަބުރު
ކުލައިގެ ސަމައްތަރު ހެޔޮ އެހެނަސް ކުރު ފިރިހެނަކު ހޭވައްޓައިލައިފައި
ތައުޒީރުކުރާ މަންޒަރު ދައްކައިދޭ ވީޑިއޯ ކުލިޕެކެވެ. މި މީހަކީ
މިނިކާރާއްޖޭގެ ފިރިހެނެއްކަން އެނގެ އެވެ. އެކަމަކު މީނާއަކަށްވެސް އެއީ
ކާކުކަމެއް ނޭގުނެވެ. ވީޑިއޯ ކުލިޕުގެ ދިގުމިނަކީ ގާތްގަޑަކަށް
ސާޅީހަކަށް ސިކުންތެވެ.

އޭގެ އަނެއްދުވަހު އެކްސްވައިޒެޑުގެ ހިއްސާދާރަކު ޖާއިޒަށް ގުޅާފައި
ގަހުވަ ތައްޓެއް ބޯލަން ހަސަންދުރާއަށް ދަމާހޭ ކިޔައިގެން އެތަނަކަށް
ހިގާއްޖެއެވެ. މިތާގައި ތިބެގެން ދެއްކި ވާހަކައިގައި ތިމަންނާއަށް
ވީޑިއޯ ކުލިޕެއް ލިބިފައި އެބައޮތޭ އެކަމަކު މިއީ ކާކުގެ އެއްޗެއްކަމެއް
ނޭގެޔޭ ޖާއިޒު ބުނެފި އެވެ. އަސްތާ އެހެންދޯއޭ އަޅެ ތިމަންނާއަށް ވެސް ތި
ދައްކައިބަލާށޭ ކިޔައިގެން ދެން މާނޭގޭކަމަށް ހެދިގެން މި ހިއްސާދާރު
މީތި ބަލައިފި އެވެ. ހަމަ ބަލާފައި ބުންޏެވެ. ތިޔައީ އިސްބަގޫލު ކޯޓުގެ
ވަލީ މަހީދެވެ. މަށަށް ހަމަ ޔަގީނެވެ. އެހިސާބުން ޖާއިޒު މަނިއްޕުޅުވެސް
އިތުރަށް ބަލައި އެއީ ވަލީ މަހީދުކަން ޝައްކަކާއި ނުލައި ކަށަވަރުކޮށްފި
އެވެ.
(ނުނިމޭ)