Last Updated: August 19, 17:52
Tuesday, August 19, 2025
ޚަބަރު

ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފި

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.

ރައީސް މުޢިއްޒު، މި މެއިމަހު 27 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް މުޢިއްޒަކީ އ.ދ.އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއަރ އެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޮރ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.

ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.