Last Updated: June 27, 21:32
Saturday, June 28, 2025
ޚަބަރު

މި އަހަރު ރަސްމާލެ ހިއްކައި ނިންމަނީ

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގު އަދާކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދީގެންނެވެ. އެ ބިންތައް ދޫކޮށްފައިވަނީ 99 އަހަރުގެ މުއްދަތަކަށެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެ ކުންފުނިން ފައިސާ ހޯދައިގެން އެތަން ހިއްކާ ގޮތަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ އެ ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތީ ސީއެމްސީ އަށް ފައިސާ ނުހޯދިގެން ކަމަށާއި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ ނިޔަލަށް އެއްކޮށް ހިއްކާ ނިންމޭ ވަރަށް ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

"އޭގަ ވަރަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައި ހުރީ. އޭގެ ތަފްސީލް އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިޔުމުން ތަފްސީލްތައް ހާމަ ކުރާނަން،" ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ މި ގޮންޖެހުންތައް ކުރިމަތިވީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއު ހިންގުމަށް ހިމެނި ފައިސާ އުނިކުރުމުން ކަމަށްވެސް ވިދާޅުވެފަ އެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިން އޮތީ ހަމަޖެހިފަ އެވެ.