Last Updated: April 23, 23:56
Tuesday, April 23, 2024
ކޮލަމް

އެ ޖަނގިޔަލުގެ ސިއްރު 8

އަހުރެންގެ އަމިއްލަ ބައެއް ވާހަކަތައް

މީހަކު ކަމެއް ކުރާން ފަށާނީ ސަބަބުތަކެއް ހުރެގެންނެވެ. އެގޮތުން
އަހުރެންވެސް ވަގުތު ހޯދައިގެން ވާހަކަ މި ލިޔަނީ ސަބަބުތަކެއް
ހުރެގެންނެވެ. ފުރަތަމަ ސަބަބަކީ މިއީ މިނިކާރާއްޖޭގެ ތާރީޚުގެ މުހިއްމު
ހާދިސާތަކެއް ކަމުގައި ވެފައި އެއްވެސް މީހަކު މި ވާހަކައަށް ލިޔުމެއްގެ
ސިފަ ގެނެސްފައި ނެތުމެވެ. ދެވަނަ ސަބަބަކީ މިއީ އަހުރެންވެސް ކުރާހިތްވާ
ކަމަކަށްވުމެވެ. އެއްވެސް ކަހަލަ އުޖޫރައެއް ނެތި ކުރާހިތުން
ކުރާކަމަކަށް ވިޔަސް ފަރަންޖީ ބަހުން އެކިޔާ މޮޓިވޭޝަން
ދެމެހެއްޓުމަށްޓަކައި ކުދިކުދި ބައެއްކަންތައް އަހުރެންވެސް ބޭނުމެވެ.
މަސަލަން އެއީ މިސައިޓުގެ ފޭސް ބުކް ޕޭޖުގައި މި ލިޔުމުގެ ލިންކަށް
ލައިކެއް ޖަހައިލުމާއި ފޯނަށް ގުޅާލައި ހިތްވަރު ދިނުން ފަދަ ކަންކަމެވެ.

މިހައިރު ވާގޮތަކީ ފީޑްބެކް ބަލައިލާންކަމަށް ސައިޓަށް ވަނަސް އަދި
ފޭސްބުކް ޕޭޖަށް ވަނަސް ފީޑްބޭކެއް ނުހުރެ އެވެ. ލައިކުގެ އަދަދަށް
ބަލައިލާއިރު ފަންސާސް ވެސް ހަމަނުވެ އެވެ. ދެން ހިތަށް އަރައެވެ.
މިވަރުން ވާހަކަ ލިޔުމުގެ ބޭނުމެއްވެސް އޮތީ ނޫންތާ އެވެ. ބަޔަކު ކިޔާ
އެއްޗެއް ނޫނެވެ. ބަޔަކު ރުހޭ އެއްޗެއް ނޫނެވެ. ދެން މިއީ ކީއްކުރާ
ވާހަކައެއް ހެއްޔެވެ. މިހެން ހިތުލައިގެން ހުއްޓައި ޖަލަޕީނޯއޭ ކިޔުނު
ގަހުވަ ޚާނާއަށް ވަދެވޭ ކޮންމެ ފަހަރަކު އެތަނުން ދިމާވާ އެކުވެރިން
ބަލަގަ އަޚާއޭ ތިޔަހެން ހަދާކަށް ނުވާނެއޭ ތިޔަ ވާހަކަ ކުރިއަށް
ގެންދަހަރޭ ކިޔައިގެން އާދޭސް ކުރަން ފެށީމާ އަނެއްކާވެސް ލިޔުމުގެ
ޝައުގުވެރިކަން ބޮޑުވެ އެވެ.

ވާހަކައިގެ 7 ވަނަ ބާބު މި ސައިޓުގައި ހަމަ ޝާއިއުވުމާއެކު ކޮންމެވެސް
ދަންނަބޭކަލަކު ކުރެއްވި ކޮމެންޓަކުން ހިތްފަޅައިގެން ނުދިޔައީ
ހަމަކިރިޔާއެވެ. ދެން އަމްދުން ވާހަކަޔާއިގެން ކުރިއަށް ނުދާންކަމަށް
ހިތުލައިގެން ހުއްޓައި ފޭދުސްތާނުގެ އަހުރެން ނިކަން ފިކުރާވާ
ކަނބުލޮޔަކު މިވާހަކަ ނިންމައިދިނުމަށް އެދިގެންފި އެވެ. ދެން
އެކަނބުލޯގެ އެއްވެސް އެދުމަކަށް އިންކާރު ކުޅައުމުގެ ކުޑަވެސް
ހިތްވަރެއް މިނިކަމެތި އަޅާއަށް ލިބިގެން ނުވާތީ ދެ ލޯމަރައިފައި
ވާހަކައިގެ ބާކީ ބައިތައް ވެސް ނިނަމައިލުމަށް ނިޔަތް ގަތީއެވެ.

ޖާއިޒުގެ މާކެޓިންގ

ދެންފަހެ ދަންނާށެވެ. ޖާއިޒު މަނިއްޕުޅުގެ ކަމަކީ މީނާގެ އަތުގައި އޮތް
ސާޅީސް ސިކުންތުގެ ވީޑިއޯކޮޅު ވީހާވެސް ގިނަބަޔަކަށް ދެއްކުމެވެ.
މިހެންވުމުން ވަރަށް ގިނަބަޔަކަށް މި ވީޑިއޯ ފެނި މީގެ ވެރިޔަކީ
ޖާއިޒުކަމަށް ގަބޫލުކުރެވޭގޮތް ވެއްޖެ އެވެ. މި ވާހަކަ އިސާހިތަކު
މިނިކާރާއްޖޭގެ އެންމެ ބޮޑު ޖަނގިޔާ ޓާކުރު ކަމަށްވާ ޒާނިމާއި
ހަމައަށްވެސް ހިގާއްޖެއެވެ. ޒާނިމަކީ މިޒާތުގެ ތަކެތި އެއްކޮށްގެން
ޖަނގިޔަލުގެ ދާރުލްއާސާރެއް ހިންގާ މީހެކެވެ. ދެން ޖާއިޒަށް ގުޅައިގެން
ބައްދަލުކުރާން އައިސްބަލާށޭ ކިޔައިގެން މި ޒާނިމާއި ހަމައަށް ޖާއިޒު
މަނިއްޕުޅު ގެންގޮސްފި އެވެ.

ޒާނިމު ކިތަންމެވަރަކަށް އުޅުނަސް ޖާއިޒު މަނިއްޕުޅަށް ދެވޭނީ ނުވަތަ
ވިއްކޭނީ އޭނާގެ އަތުގައި ހުރި އެއްޗެއްތާ އެވެ. ދެ މީހުން ކުޑައިކޮށް
ވާހަކަ ދައްކާލިއިރަށް މި ވީޑިއޯއަކީ ޖާއިޒުގެ އަތުގައި އޮތް އެއްޗެއް
ނޫންކަމާއި މީގެ ފަހަތުގައި އަދި ބޮޑުވެގެންވާ އެހެން ސިއްރެއް އޮތްކަން
ޒާނިމު ދެނެގެންފި އެވެ. ދެން އެންމެ ރަގަޅޭ މާބޮޑު އަގެއްވެސް ދެވޭކަށް
ނެތޭ ދިހަވަރަކަށް ހާސް ދީނާރަށް ރުހެންޏާ މިހިރީ އަގު އަދާކުރަން
ތައްޔާރަށޭ ބުނެފައި ޖާއިޒު މަނިއްޕުޅު ފޮނުވައިލައިފި އެވެ.

އެއްރޭ ނިކަން ދަންކޮށްފައި ޖާއިޒުގެ ފޯނަށް ގޯލްޑަންރޭ ދައީސު ގުޅައިފި
އެވެ. މި ގުޅުމެއްގެ ބޭނުމަކީ ޖާއިޒުގެ އަތުގައި ވަލީ މަހީދުގެ ވީޑިއޯ
އޮތްވާހަކަ އަޑު އިވިފައި މީގެ އެކޮޅު މިކޮޅު ދެނެގަތުމެވެ. ބައްދަލުވާން
ޖާއިޒު ދިޔައިރު ދައީސު ހުރީ އޭނާގެ ފަރުނީޗަރު ދުއްކާނުގެ
މަސައްކަތެއްގަ އެވެ. އަލަށް ގެނައި މާއަގުހުރި މޮޅު ބެޑްރޫމް ސެޓެއް
ރާވައިގެން އެއަށް ފަރިބަލާން ހުރި ވަގުތެއްގަ އެވެ. ޖާއިޒު ދިޔައީމާ
ބަލަ ބަލަ ތިޔަ ގެންގުޅެނީ ކާކުގެ ވީޑިއޯއެއްހޭ މި ދެކެވެނީ ފަހެ ކޮން
ވާހަކައެއްހޭ އަހައި ސުވާލުކޮށްފި އެވެ. ޖާއިޒު ބުންޏެވެ. މިއީ ވަލީ
މަހީދުގެ ވީޑިއޯއަކަށް ވިޔަސް މިއިން ކަލޭވެސް އެބަފެނެ އެވެ.
ކުއްލިއަކަށް ދައީސު ވަރަށް ހާސްވެފައި ބުންޏެވެ. ތިބާއީ ތެދަކަށް ނުވާނެ
އެވެ. އަޅެ މަށަށްވެސް ދައްކައި ބަލާށެވެ. ޖާއިޒު ޖަވާބުދިނެވެ. މި
ވީޑިއޯއިން ކަލޭ ފެނިއްޖެ ކަމުގައިވާނަމަ މިހިރަ ފެންނަ އެނދު މަށަށް
ދޭން އަހުދުވާށެވެ. މިހެން ހަމަ ބުނުމުން އާނ އާނ ރުހިއްޖައީމޭ
ރުހިއްޖައީމޭ ދެން ދައްކާންވީއޭ ބުނެފި އެވެ.

ޖާއިޒު މަނިއްޕުޅުގެ އަތުގައި އޮތް ކުލިޕުން ދައީސުވެސް ފެނެ އެވެ. އެއީ
ވަލީ މަހީދުގެ ހަންމުށި އެޅުންތަކަށް ފަހު އޭނާއަށް ސާބަސްދީ
ހިތްވަރުދޭންވެގެން ދައީސު އޭނާގެ ކޮޓަރިއަށް ވަންނަ ވަގުުތުތަކުގެ
ވީޑިއޯ ވެސް ކުރެވިފައި ހުރިކަމުންނާއި އެކްސްވައިޒެޑު ކުންފުނިން
ޖާއިޒަށް ދިން ސާލީޅީސް ސިކުންތުގެ ކުލިޕުގައި ވެސް ވަލީ މަހީދުގެ
ގައިމައްޗަށް ދައީސު ވެއްޓިގަންނަތަން ހިމަނާފައިވާކަމުންނެވެ. ޖާއިޒުގެ
ފޯނުން މި މަންޒަރު ދައީސަށް ދެއްކުމާއެކު މީނާ މުޅިން މޯޅިވެ ކަންބޮޑުވެ
އާސޯޚު ވެއްޖެ އެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތްތާއޭ މިވީހާ
ދުވަހު މި ވީޑިއޯއިން ދައީސު ފެންނަކަން އޭނާއަށް ވެސް އޮތީ ނޭގިފަ އެވެ.
ދެން ކުއްލިއަކަށް ހެވޭ ހެވޭ މި ބެޑްރޫމްސެޓު ގެންދާންވީއޭ ތިހިރީ ދީފައޭ
ބުނެފި އެވެ. އަދި ދުއްކާނުގެ މެނޭޖަރަށް މިވިޔަފާރި ވެވިއްޖެކަމުގެ
ރަސީދުވެސް ހަދައި މީނާއަށް ދޭށޭ ކިޔައިފައި މިތާގައި މަޑުވެސް ނުކޮށް
ދައީސު ނުކުމެގެން ހިގާއްޖެއެވެ.

ކުރީގެ ބާބެއްގައި ނަންގަނެވިފައިވާ ފަދައިން ތަޚުތުގައި
ރެދަލިކުރައްވަމުން ގެންދަވަނީ ކާޅު ޕާޓީގެ ޑރ ފަހީދު މަނިކެވެ.
ކަލަމިންޖާއަށް އެންގުމަކާއި ނުލައި މިވަރުގެ ކަމެއްގައި މަޝްއޫލުވެގެން
އުޅެނިކޮށް ބޭޒާރުވެއްޖައީނަމަ ކަންތައް ވަރަށް ގޯސްވެދާނެތީ އާއި މި
ވީޑިއޯއަށް ކަލަމިންޖާގެ އެއްވެސް ޝައިގުވެރިކަމެއް ހުރިތޯ ބަލައިލުމަކީ
ވެސް ކުރަންޖެހޭނެ ކަމެއް ކަމުގައި ވިސްނިގެން މިނިކާރާއްޖޭގެ
ވަޒީރުއްދިފާއު ކާނަލް ޕެންޑްރައިވް ޚާނަށް އެއްރެއަކު ޖާއިޒު ގުޅައިފި
އެވެ. ޕެންޑްރައިވް ޚާން ވިދާޅުވިކަމަށް ވަނީ ތިޔަ ޒާތުގެ ވީޑިއޯއެއް
އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށާއި މިވަގުތު ސީނުކަރައަށް
ކުރާ ދަތުރެއްގައި ރަށުން ބޭރުގައި އުޅޭތީ ކުރެވޭނެ ކަމެއް ނެތް ކަމުގަ
އެވެ. އެހެންވީމާ އެނބުރި އާދެވެންދެން ނިކަން ރައްކައުތެރިކަމާއެކު ތިޔަ
ވީޑިއޯއަށް ސަމާލުވެގެން އުޅުމަށް ނަސޭހަތްދީފައި ފޯނު ބާއްވައިފި އެވެ.

ކަލަމިންޖާ ޑރ ފަހީދު މަނިކުގެ އަރިހުގައި ވީޑިއޯގެ ވާހަކަ ސީދާ
ދެންނެވުމުގެ ބަދަލުގައި ޖާއިޒު މަނިއްޕުޅު ކުޅަ ތަދުބީރަކީ ރަސްކަމުގެ
ދަރުބާރުގައި ކަރުދާހާއި ގަލަމާއި ބެހޭ ވަޒީރު މަސްތޫރު ނިމާލަށް މި
ވީޑިއޯ ދައްކައިގެން އޭނާ މެދުވެރިކޮށް މިވާހަކަ ކަލަމިންޖާއާ ހަމައަށް
ގެންދިއުމެވެ. ކޮންމެއަކަސް މަސްތޫރު ނިކަން ހަލުވި އެމުނުމަކުން
ކަލަމިންޖާގެ އަރިހުގައި މިވާހަކަ ދެންނެވީމާ ކަލަމިންޖާވެސް ހިތްޕުޅާ
ހަމަކުރައްވައި ޖާއިޒު ގެނެސްގެން އޭނާގެ ސާޅީސް ސިކުންތުގެ ކުލިޕް
ގަނޑުވަރުގެ ބޮޑު އިސްކިރީނުގައި އަޅުވައިގެން މީގެ ތިންވެރިން ތިބެގެން
ނިކަން ރަނގަޅަށް ބަލައިފޫ އެވެ. ކަލަމިންޖާ ވިދާޅުވި އެވެ. ތިޔަ މީހަކީ
ވަލީ މަހީދު ފިޔަވައި ދެވަނަ މީހެއް ނޫނެވެ. އެހެންވީމާ ތިޔަ އެތީގެ
އަސްލު ހޯދާންވީ އެވެ. އަހުރެމެންގެ ޕާޓީއަށް ވެސް ތިޔައިގެ ބޭނުން
ހިފެވޭ ދުވަހެއް އަތުވެދާނެ ތޯއްޗެކެވެ. އޭ ޖާއިޒާއެވެ. ކަލޭ ތިޔަ ބުނަނީ
މިއީ ކަލޭގެ އެއްޗެއް ނޫންކަމުގެ ވާހަކަ އެވެ. އެހެންވިއްޔާ ތީގެ އަސްލު
ފޮރުވައިގެން އުޅޭ ބަޔަކު ހޯދައިފައި އެމީހެއްގެ އަތުން ގަންނާންވީ އެވެ.
ޖާއިޒު ބުނެފި އެވެ. ސާހިބާއެވެ. އަޅުގަނޑަށް ޔަގީންވާ ގޮތުން ދޮޅު
މިލިޔަން ދީނާރަށް އެމީހުން ވިއްކާން ރުހިދާނެ އެވެ. މިހެން ހަމަ
ބުނުމާއެކު ކަލަމިންޖާ ޑރ ފަހީދު މަނިކު އޭނާގެ ވަޒީރުލް ގަލަމަށް އަމުރު
ކުރެއްވިޔޭ ގިނަވެގެން ދެ ދުވަހުގެ ތެރޭގައި އެބުނާ ދޮޅު މިލިޔަން ދީނާރު
ހޯދައިފައި ޖާއިޒު މަނިއްޕުޅާ ހަވާލު ކުރާންވީ އެވެ. މިއީ ޝާހީ
އަމުރެކެވެ.

ވަލީ މަހީދުގެ ރޭވުން ނާކާމިޔާބުވުން

ވީޑިއޯގެ މައްސަލަ މި ހިސާބަށް ދިޔައިރު ރައްބީގެ ބޮޑު ދަރުބާރުކަމަށްވާ
ސޯޝަލް މީޑިއާގައި މި ވީޑިއޯގެ ވާހަކަ ގަދައަށް ދެކެވޭން ފަށައިފި އެވެ.
ކާޓޫނު ކުރަހައިގެން ޖަނގިޔަލުން ޒީނަތްތެރި ކުރެވިފައިވާ ފަނޑިޔާރުންގެ
ސޫރަތައް ދައުރުވުން ގިނަވެއްޖެ އެވެ. ކޮންމެވެސް ބަޔަކުވެގެން
ފަނޑިޔާރުންނާއި ބެހޭ ބޮޑު ކޮމިޝަނަށް ޝަކުވާވެސް ހުށައަޅައިފޫ އެވެ.
ދެން ހަމައެހެން ގޮތެއް ނެތިގެން ކޮމިޝަނުން މައްސަލަ ބަލާންވެސް
ފަށައިފޫ އެވެ. މި ހިސާބަށް ކަންތައް ދިޔުމުން ރައްކާތެރިކަމުގެ ފިޔަވަޅު
އަޅާން ވަލީ މަހީދަށް މަޖުބޫރުވެއްޖެ އެވެ. މީނާ ކުޅަ ތަދުބީރަކީ މި
ޒާތުގެ ވީޑިއޯތަކަކީ ހަމަ ބޭނުންވީމާ ކޮންމެ ބަޔަކަށް ވެސް އުފެއްދިދާނޭ
އެއްޗެއްކަން ސާބިތު ކުރެވޭ ވަރުގެ ހުއްޖަތެއް އުފެއްދުމެވެ. އެ
ހުއްޖަތަކީ ވިލާތުގެ ބަރަހަނާ ފަރަންޖީން ކުޅެފައި ހުންނަ މިކަހަލަ
ބަރަހަނާ ވީޑިއޯކޮޅެއް ހޯދައި އެ ވީޑިއޯގައި އުޅޭ މީހުންގެ ބޮލުގެ
ބަދަލުގައި މިނިކާރާއްޖޭގެ މަޝްހޫރު ދެތިން މީހެއްގެ ބޯ ޖަހައިގެން
ކޮމިޝަނަށް ހުށައެޅުމެވެ.

މި ވިސްނުމުގައި ވަލީ މަހީދުގެ އައުވާނުން މިޒާތުގެ ކަންކަމަށް ކުޅަދާނަ
ދެ ފަރާތަކާއި މަޝްވަރާ ކޮށްފި އެވެ. އެއްފަރާތަކީ މިނިކާރާއްޖޭގެ
ޕަބްލިކް ބްރޯޑްކާސްޓަރެވެ. އަނެއްފަރާތަކީ މާކަނާ އެދުރުކަލޭގެފާނުގެ
ނަމުގައި ކާޓޫނު ފިލްމު ތައްޔާރުކުރާ މާކަނާ ޅިޔަންބެ އެވެ. މި
ދެބައިމީހުން ގާތުގައި އެދުނެވެ. އެއްމިނިޓުގެ ވީޑިއޯ ކޮޅެއްވިޔަސް
ވަރިހަމަ އެވެ. ބުނި އަގެއް ދޭނަމެވެ. ކޮށްދޭންވީ ކަމަކީ ބޯ ޖަހައިދޭންވީ
އެވެ. މިބައިމީހުން ބުނެފޫ އެވެ. ސާހިބާ އެވެ. ވީޑިއޯއެއްގެ ކޮންމެ
ސިކުންތަކީ ސައުވީސް ފްރޭމެވެ. އެއްމިނިޓުގެ ވީޑިއޯ އަކީ ސާދަ ސަތޭކަ
ސާޅީސް ފްރޭމެވެ. ކަމަކީ ބޮޑުކަމެކެވެ. ކަވި ކަމެކެވެ. ތިޔަވަރުގެ ކަމެއް
އައިބެއް ނެތި ކުރެވޭ ވަރުގެ ޓެކްނޮލޮޖީ ނެތްތާގައި ތަޖުރިބާއެއް ވެސް
ނެތެވެ. އަޅުގަނޑުމެންނަށް މާފު ކުރައްވާށެވެ.

ކޮންމެއަކަސް ވީޑިއޯގެ ތަޖުރިބާކާރުންނަށް ވެސް ފަރަންޖީންގެ
ހަށިގަނޑުގައި މިނިކާރާއްޖޭގެ އެންދެރި ކުލައިގެ މީހުންގެ ބޯޖަހަން
ނުކުޅެދިގެންވާކަން އެނގުނީމާ ދެން ކުރާނެ ކަމެއް ނެތިގެން ވަލީ މަހީދުގެ
އައުވާނުން ކުޅަ ކަމަކީ ކޮމިޝަނާއި އެނޫންވެސް ތަންތަނަށް ހުށައެޅިފައި
ހުރި ޝަކުވާ ކަރުދާސްތަކާއި އެހައިތަނަށް ކުރެވުނު ތަހުގީގުން ހޯދިފައިވާ
ހޯދުންތައް ހިމެނޭ އެންމެހައި ކަރުދާސްތައް ވީދައި ނައްތައިލީ އެވެ.
މިކަންކޮށްފައި މިވެރިން އިއުލާން ކުޅައީ ހުރިހާ ކަރުދާސްތަކަށް ގަހުވައޭ
ކިޔުނު ދިޔާއެއްޗެއް އެޅި މުޅިން ހަލާކުވެއްޖެ ކަމުގަ އެވެ.

ތަހުގީގަށް އެޅުނު ހުރަސް

ކަލަމިންޖާ ޑރ ފަހީދު މަނިކުގެ ރަސްކަމުގެ ދައުރުގައި މިނިކާރާއްޖޭގެ
ކޮންމެ މުވައްސަސާއަކީވެސް ވަކި މުސްތަގިއްލު ގައުމެއް ފަދަ ތަނެކެވެ.
އެއިން ތަނަކަށް ޑރ ފަހީދު މަނިކުގެ ބާރެއް ނުފޯރަ އެވެ. ބާރު ފޯރުވަން
އުޅުނަސް އެކަން އޮންނަނީ ނުކުރެވިފަ އެވެ. ކަންތައް މިހެން އޮތުމާއެކު
ފާރަވެރިންގެ މުވައްސަސާއިން ވަލީ މަހީދުގެ ވީޑިއޯގެ ކަންތައް ކޮޅެއްގައި
ޖެއްސޭތޯ ބާރު އެޅި އެވެ. ވަލީ މަހީދު ގެނެސް މީނާގެ ފޭރާން ކަޝުފުކޮށް
ވަތުބަތާނުގެ އެކިއެކި ބުރުޒުތަކުގައި މިން އަޅައި ވީޑިއޯއިން އެފެންނަ
މިންތަކާއި މީނާގެ މިންތައް އެއްވަރުތޯ ބަލާން ކަމަށް އުޅުނެވެ. މިކަން
ކުރެވޭން އޮތީ އިސްބަގޫލު ކޯޓާއި ފަނޑިޔާރުންނާއި ބެހޭ ބޮޑު ކޮމިޝަނުގެ
ރުހޭ ބަސް ލިބިގެންނެވެ. އެކަމަކު ފާރަވެރިން ހަމަ އުޅެއުޅެމެ މި ހުއްދަ
ލިބޭގޮތެއް ނުވި އެވެ. ހުއްދަ ނުދޭންވެގެން އެވެރިން ދައްކާ ހުއްޖަތަކީ
އިސްބަގޫލުންގެ ހައިބަތާއި ގަދަރަށް އުނިކަން ލިބޭ ޒާތުގެ އެއްވެސް
ކަމެއް ކުރުމަކީ އެއްވެސް މުވައްސަސާއަކަށް ލިބިގެންވާ ބާރެއް ނޫން
ކަމަށެވެ. އެހެން ނޫނަސް ބަޔަކު ހަމަ ވީޑިއޯއެއް ހަދާލައިގެން ނެރެ އެއީ
މިވެނި މީހެކޭ ބުނީމާ އެމީހަކު ގެނެސް ފޭރާން ކަޝްފު ކުރުމަކީ އިންސާނީ
ކަރާމާތް ނަގާލުން ނޫން ކަމަކަށް ނުވާނެ ވާހަކަ އެވެ. ( ނުނިމޭ)