Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

5 މިލިއަން ގަސް އިންދާ ޕްރޮގްރާމް ފަށައިފި

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފި އެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

މިއަދު މާލޭގެ ލޮނުޒިޔާރަތް ޕާކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައި ދެއްވީ ވެސް ރައީސެވެ. އެގޮތުން އެ މަނިކުފާނު ވަނީ ކާބޮލި އަރޮޅި ގަހެއް އިންދަވައިފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ލޯގޯ އާއި ޕިން ވެސް އިފްތިތާޙުކޮށް ދެއްވައިފަ އެވެ.

މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް "ކޮޕް28" ގަ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާލޭގެ އިތުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ އެވެ.

ގަސް އިންދުމުގެ ބިޔަ ޕްރޮގްރާމްގައި އިސްކަން ދޭނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާ ކަމަށް 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، ޕްރޮގްރާމްގައި އެ ބާވަތުގެ ގަސްތައް އިންދާނެ އެވެ.

ޕްރޮގްރާމް އިފުތިތާޙުކުރުމުގެ ގޮތުން 22 ބާވަތެއްގެ ގަސް ލޮނުޒިޔާރަތް ޕާކުގައި އިންދި އެވެ. އޭގެ ތެރޭގައި ނެތިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މެވާ އަޅާ ގަސްތަކާއި ބަގީޗާ ގަސްތަކާއި ހިޔާދޭ ބިޔަ ގަސްތަކުގެ އިތުރުން ބޭސްވެރިކަމަށް ބޭނުންކުރާ ބާވަތްތަކުގެ ގަސް ހިމެނެ އެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމަށް ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސަރުކަރުން އެދެ އެވެ.