އައްޑޫ ސިޓީގައި 1،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލާއި އައްޑޫގެ މުއައްސަސާތަށް ގުޅިގެން ރުއް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިހަރަކާތުގެ ތެރެއިން އައްޑޫގައި 1000 ރުއް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
އައްޑޫގެ މަލަމަތި ރީތިކުރުމަށްޓަކައި ކަދުރު ރުއްތަކެއް އިިންދުމުގެ ޕްރޮގްރާމެއް ވެސް ކައުންސިލުން މީގެކުރިން ކުރިއަށް ގެންދިޔަ އެވެ. އަދި 2021 ގައި އައްޑޫގައި 100،000 ދިވެހި ރުއް އިންދުމުގެ ޕްރޮގްރާމެއް ވެސް ފެށި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފަ އެވެ. މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް "ކޮޕް28" ގަ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާލޭގެ އިތުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ އެވެ.