Last Updated: December 13, 17:38
Friday, December 13, 2024
ޚަބަރު

އައްޑޫ ފެނުގެ މައްސަލަ ހައްލުކުރުން ބާރަށް ކުރިއަށް

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ހޯދުނު ބޯހޯޕް ޕަމްޕު އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކަ އިން ފަށައިފި އެވެ.

ފެނަކަ އިން ބުނީ އައްޑޫ އަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ހޯދުނު ބޯހޯލް ޕަމްޕް މިހާރު ވަނީ އައްޑޫ އަށް ގެންދެވި އަދި ޕަމްޕް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށިފައި ކަމަށެވެ.

މި ޕަމްޕް އިންސްޓޯލް ކުރުމުން އައްޑޫގެ ފެނުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން ބުނީ އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެއް އަހަރު ދުވަހުގެ އަޕްގްރޭޑިން މަޝްރޫއެއް ހިންގަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ވެސް ދާދި ފަހުން ހަވާލުކޮށްފައިވާ ކަމަށެވެ. ފެނަކަ އިން ފާހަގަކުރި ގޮތުގައި ފާއިތުތި ފަސް އަހަރުގެ ތެރޭގައި ފެނުގެ ނިޒާމު މަރާމާތުކޮށް، ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކޮށްފައި ނެތުމުން ސަޕްލައި ފެނުގެ ނިޒާމު ދަށީ ކަމަށެވެ.

ނަމަވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއު ނިމޭ އިރު އައްޑޫގެ ސަޕްލައި ފެނަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިހާރު ވެސް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ކުންފުނިން ބުންޏެވެ.

"މިހާރުގެ މެނޭޖުމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާ އެކު ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށް، ޚިދުމަތް ދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް." ފެނަކަ އިން ބުންޏެވެ.

އައްޑޫގެ ސަޕްލައި ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މިދިޔަ މަހުގެ 13 ގަ އެވެ. އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއުގެ އަގަކީ 282.6 މިލިއަން ރުފިޔާ އެވެ.