Last Updated: July 27, 09:53
Saturday, July 27, 2024
ރިޕޯޓް

ޢުލޫމުލް ޤުރްއާން (6)

(ޖޫން 3 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ޢުލޫމުލް ޤުރުއާންގެ މައުޟޫތައް މި ޒަމާނުގައިވީ މިފަދަ ބޭކަލުން ލިޔުއްވި ޙަދީޘްފޮތްތަކުގެ ތެރޭގައެވެ. ލިޔަންކިޔަން ދަތުން ޢާންމުވި މިޒަމާނުގައި ޢިލްމުވެރިން ﷲ ތަޢާލާގެ ކަލާމްފުޅަށް ޚިދުމަތްކުރުމަށް އަވަސްވެގަތެވެ. މިގޮތުން ޙަދީޘް ފޮތްތަކުގެ ބާބެއްގެ ގޮތުގައި ލިޔެވިފައި ހުރި ޢުލޫމުލް ޤުރުއާނުގެ އެންމެހައި ޢިލްމުތައް ޝާމިލުވާނެހެން ޢުލޫމުލް ޤުރުއާނަށް ޚާއްސަ ފޮތްތައް ލިޔެވެން ފެށުނެވެ. މިގޮތަށް ލިޔެވުނު ފޮތްތަކަށް ނަންދެވުނީ ތަފްސީރު ފޮތްތަކުގެ ގޮތުގައެވެ.

ތަފްސީރަކީ ޢުލޫމުލް ޤުރުއާނުގެ ބާބުތަކުގެ ތެރެއިން އެންމެ މުހިންމު ބާބެވެ. އެފަދަ ތަފްސީރު ފޮތްތަކުގައި ޢުލޫމުލް ޤުރުއާނުގެ އެކިއެކި މައުޟޫތަކަށް އިންސާފުކުރެވިފައިވެއެވެ.

މިގޮތަށް އެ ޒަމާނުގައި ލިޔެވުނު މަޝްހޫރު ފޮތްތަކުގެ ތެރޭގައި ހިމެނެނީ:

ތަފްސީރު އިބްނު މާޖާ، ތަފްސީރު އައްޠަބަރީ، ތަފްސީރު އަބީ ބަކުރު އިބްނު އަލްމުންޒިރު، ތަފްސީރު އިބްނު އަބީ ޙާތިމް އައްރާޒީ، ތަފްސީރު އިބްނު މަރުދަވައިހި ފަދަ ފޮތްތައް ހިމެނެއެވެ.

މިއާއެކު އެކީގައި ބައެއް ދަންނަބޭކަލުން ޢުލޫމުލް ޤުރުއާނުގެ ވަކިވަކި މައުޟޫތަކަށްވެސް ފޮތްތައް ލިޔުއްވަމުން ގެންދެވިއެވެ. މިގޮތުން ޢަލީ އިބުނު އަލްމަދީނީ އަސްބާބު އައްނުޒޫލުގެ މައްޗަށް ފޮތެއް ލިޔުއްވިއެވެ. އަދި އަބޫ ޢުބައިދު އަލްޤާސިމު ބުން ސައްލާމު ނާސިޚް މަންސޫޚާއި ޤިރާއަތުގެ މައްޗަށް ފޮތެއް ލިޔުއްވިއެވެ. އަދި އަބޫބަކުރު އަލްބާޤިއްލާނީ އިޢުޖާޒުލް ޤުރުއާނުގެ މައްޗަށް ފޮތެއް ލިޔުއްވިއެވެ.

ޢުލޫމުލް ޤުރުއާނުގެ ތިންވަނަ މަރުޙަލާ: ޢުލޫމުލް ޤުރުއާނުގެ މުހިންމު ހުރިހާ ބާބުތައް ޝާމިލުވާނެހެން ޢިލްމަށް ޚާއްސަ ފޮތްތައް ލިޔެވުނު މަރުޙަލާ

މި މަރުޙަލާގައި ތަފްސީރު ފޮތްތަކުގައި ހުރި ޢުލޫމުލް ޤުރުއާނުގެ ބައިތައް ވަކިވެ، ޢުލޫމުލް ޤުރުއާނަށް ޚާއްސަ ފޮތްތައް ލިޔެވެން ފެށުނެވެ.

މިގޮތަށް ލިޔެވުނު މަޝްހޫރު ފޮތްތަކުގެ ތެރޭގައި ހިމެނެނީ:

* البرهان في علوم القرآن، تأليف علي بن إبراهيم بن سعيد الشهير بالحوفي (430ه)
* فنون الأفنان في عجائب علوم القرآن، تأليف ابن الجوزي (597هـ)
* البرهان في علوم القرآن، تأليف بدر الدين الزركشي (794هـ)
* مواقع العلوم من مواقع النجوم، تأليف جلال الدين البلقيني (824ه)
* الإتقان في علوم القرآن، تأليف جلال الدين السيوطي (911هـ)

ޢުލޫމުލް ޤުރުއާނުގެ ހަތަރުވަނަ މަރުޙަލާ: މިޒަމާނުގައި ޢުލޫމުލް ޤުރުއާނު

މިޒަމާނުގައި ޢުލޫމުލް ޤުރުއާނުގެ ފަންނުގައި ލިޔެވިފައިވާ ފޮތްތަކަށް ބަލާއިރު ހުރިހާ ބާބެއް ޝާމިލުވާފަދަ ފޮތްތަކާއި، ވަކިވަކި ބާބުތަކަށް ލިޔެވިފައިވާ ފޮތްތައްވެސް ލިޔެވިފައިވެއެވެ.

މިގޮތަށް ލިޔެވުނު މަޝްހޫރު ފޮތްތަކުގެ ތެރޭގައި ހިމެނެނީ:

* مناهل العرفان في علوم القرآن، تأليف محمد عبد العظيم الزرقاني (1948م)
* مباحث في علوم القرآن، تأليف مناع بن خليل القطان (١٤٢٠هـ)
* مباحث في علوم القرآن، تأليف الدكتور صبحي الصالح
* النبأ العظيم، تأليف الدكتور محمد عبد الله دراز (ނުނިމޭ)

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.