Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

ފަލަސްތީނަށް އެހީވުމަކީ ދީނީ ވާޖިބެއް: ހުތުބާ

ފަލަސްތީނަށް އެހީވުމަކީ ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ފަލަސްތީނަށް ހާއްސަކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާ ކަމަށާއި ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އެންމެން އަތުގުޅާލަންޖެހޭ ކަމަށެވެ.

"ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނާ މެދު ދިވެހީންގެ ހިތްތަކުގައި ލޯތްބާއި، ހަމްދަރުދީ އާއި، އުޚުއްވަތްތެރިކަން ވަނީ ބިންވަޅު ނެގިފައި ކަމަށާއި ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް ކަމަށްވެސް ބުނެފައިވެ އެވެ.

ފަލަސްތީނުގެ ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި މި ހުރިހައި ޖަރީމާތަކެއް ހިންގަމުން ގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއް ނެތި އެތައް ހާސް ބަޔަކު ޝަހީދުކޮށްލައިފައިވާ ކަމަށާއި އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު އެތައް ބަޔަކު ވަނީ ނުކުޅެދޭ ބަޔަކަށް ވެފައި ކަމަށް ބުނެފައިވެ އެވެ. މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.