Last Updated: July 27, 10:50
Saturday, July 27, 2024
ރިޕޯޓް

ޙައްޖު މަހުގެ ފުރަތަމަ 10 ގެ މާތްކަން

ﷲ ތަޢާލާ އެއިލާހު އިރާދަކުރައްވާ އެއްޗެއް ޚަލްޤުކުރައްވަތެވެ. އަދި އެތަކެތީގެ ތެރެއިން އެއިލާހު އިރާދަކުރައްވާ އެއްޗެއް ޚިޔާރު ކުރައްވަތެވެ. މިގޮތުން ބިންތައް ޚަލްޤުކުރެއްވުމަށްފަހު ބިންތަކުގެ ތެރެއިން މައްކާގެ ބިން ކަޢުބަތު ﷲ ގެފުޅަށްޓަކައި ޚިޔާރު ކުރެއްވިއެވެ. ރޭތަކުގެ ތެރެއިން ލައިލަތުލް ޤަދްރިވިލޭރޭ ޚިޔާރުކުރެއްވިއެވެ.

އިންސާނުންގެ ތެރެއިން ރަސޫލުންނާއި ނަބިއްޔުން ޚިޔާރުކުރެއްވިއެވެ. އަދި އޭގެ ތެރެއިންވެސް އުލުލް ޢަޒްމުގެ މަތިވެރި ފަސްބޭކަލުން ޚިޔާރުކުރެއްވިއެވެ.

ބައެއް ދުވަސްތަކަކީވެސް ﷲ ތަޢާލާ ޚިޔާރުކުރައްވާފައިވާ ޚާއްސަ ދުވަސްތަކެކެވެ. މިގޮތުން ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ﷲ ތަޢާލާ ޚިޔާރުކުރައްވާ މާތް ކުރައްވާފައިވާ ދުވަސްތަކެކެވެ. ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަމަށްޓަކައި އެދުވަސްތައް ގަންދެއްވައި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ހުވާކުރައްވާފައިވެއެވެ.

މި 10 ދުވަހަކީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެކެވެ. ޤަދަރުވެރި ޝަރަފުވެރި ދުވަސްތަކެކެވެ. އިރު އެދުވަސްތަކަކަށް އަރައިގެން އަންނާނެ އެންމެ މާތް ދުވަސްތަކެވެ. މިއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެކެވެ. ހެޔޮލަފާ ޞާލިޙު ޢަމަލުތައް ކުރުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އަދި ހެޔޮލަފާ ޞާލިޙު ޢަމަލުތަކަށް އެންގެ ގިނަ ދަރުމައާއި ޘަވާބު ލިބޭނެ ދުވަސްތަކަކީ ވެސް މި ދުވަސްތަކެވެ.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް މިހާ މާތް ވާ ސަބަބެއް ކަމުގައި ދަންނަބޭކަލުން ވިދާޅުވަނީ އަޅުކަމުގެ ގިނަ ކަންތައްތަކެއް ޖަމާވާ މޫސުމަކަށް މިދުވަސްތައް ވާތީއެވެ. މިގޮތުން ނަމާދާއި ރޯދައާއި، ޙައްޖާއި، ޞަދަޤާތާއި، ދުޢާއާއި ޒިކުރުކުރުންފަދަ އަޅުކަންތައް އެއްމޫސުމެއްގައި ޖަމާވާ މޫސުމަކަށް މިދިހަ ދުވަސް ވާތީއެވެ.

މިފަދަ މަތިވެރި އަޅުކަމުގެ މޫސުންތައް ﷲ ތަޢާލާ މިއުންމަތަށް މިންވަރުކުރައްވާފައިވަނީ މިއުންމަތުގެ މީސްތަކުންގެ ޢުމުރު ކުރުވި ކަމުގައި ވިޔަސް، އެކުރު ޢުމުރުގައިވެސް ގިނަގުނަ ޘަވާބާއި ދަރުމަ ހޯދައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުންނެވެ. ހެޔޮކަމުގައި އެހެން އުންމަތްތަކުގެ މައްޗަށް ކުރިއަރައި ދިއުމުގެ ގޮތުންނެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށެވެ. ސުވަރުގޭގެ މަތީ މަންޒިލްތަކަށް ވާސިލު ކޮށްދެއްވުމުގެ ގޮތުންނެވެ.

ބުއްދިވެރިންނަކީ ވެހޭތާ ފެންނަގާ ބައެކެވެ. އެހެންކަމުން މިފަދަ މަތިވެރި ބަރަކާތްތެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ބުއްދިވެރީންގެ ސިފައެކެވެ. ހެޔޮކަމުގެ ތިލަފަތަށް ބުރަދަން އިތުރުކޮށްލާނެ ހެޔޮލަފާ ޞާލިޙު ޢަމަލުތައް ކުރުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

މިފަދަ އަޅުކަމުގެ މޫސުންތަކުގައި އަޅުކަމުގައި ހީވާގިވުމުގެ ތައުފީޤު ލިބިގަތުމަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވެގެން މިފަދަ ދުވަސްތަކަށް އިސްތިޤްބާލުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ތައުބާވެ އަޅާގެ ނަފްސު ފާފައިން ތާހިރުވުމުން ހެޔޮކަމުގެ މަގުގައި ކުރިއަށް ދިއުން ފަސޭހަ ވެގެންދާނެއެވެ.

މަތިވެރިވެގެންވާ މިދުވަސްތަކުގެ ބަރަކާތް ލިބިގަތުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމެވެ. ނަބިއްޔާ ﷺ ގެ ސުންނަތާއި އެއްގޮތަށް ޙައްޖުގެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެ ނަމަ އެމީހެއްގެ ޖަޒާއަކަށް ސުވަރުގެ ނޫން ނިޢުމަތެއް ނުވެއެވެ. އަދި އެމީހަކު އެނބުރި އަންނާނީ މަންމަގެ ބަޑުން އުފަންވާ ދަރިއެއް ފަދައިން އެއްވެސް ފާފައެއް ނުވާ ތޯހިރު ނަފްސެއްގެ ގޮތުގައެވެ. މީގެ އިތުރަށް މިދުވަސްތަކުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވުމަކީވެސް ނުހަނު ދަރުމަ ބޮޑުވާނެ ކަމެކެވެ.

ނަމާދުތަކަށް ޖަމާޢަތަށް ޙާޟިރުވުމާއި، ރަވާތިބު ސުންނަތްތަކާއި، ދަމުނަމާދާއި، ވިތުރިއާއި، ޟުޙާ ނަމާދަަށް ރައްކާތެރިވުމަކީ އަޖުރު ބޮޑު އަޅުކަންތަކެވެ. ﷲ ތަޢާލާގެ ކަލާމްފުޅު ގިނަގިނައިން ކިޔަވައި، މިދިހަ ދުވަހުގެ ތެރޭގައި ޚަތިމެއް ކުރުމަކީވެސް އެހާމެ ފައިދާހުރި އަޅުކަމެކެވެ. އަދި ދިހަ ދުވަހުގެ ތެރެއިން ފުރަތަމަ ނުވަ ދުވަހު ސުންނަތް ރޯދަ ހިފުމަކީވެސް އަދާކުރެވިދާނެ އަޅުކަމެކެވެ. މިދުވަސްތަކުގެ ތެރެއިންވެ ސް ޙައްޖުމަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުރުމަަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ.

އެއީ ޢަރަފާތް ދުވަހެވެ. އެދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރާއި، އަންނާން އޮތް އަހަރުގެ ފާފަތައް ފޮހެދޭނެ ރޯދައެކެވެ. ޢަރަފާތް ދުވަހުގެ ރޯދަ ހިފުން އޮތީ ޙައްޖުގެ އަޅުކަން އަދާނުކުރާ މީހުންނަށެވެ. ޙައްޖުވެރިން އެދުވަހު ރޯދަ ހިފުމެއް ނުވެއެވެ. މިދުވަސްތަކުގައި ކުޅަދާނަކަން ހުރި މިންވަރަކުން ޞަދަޤާތްކުރުމަކީވެސް ގިނަގުނަ ޘަވާބު ލިބޭނެކަމެކެވެ. އަދި މިދުވަސްތަކުގެ ކުރެވޭ ދުޢާ އިޖާބަވުމުގެ ފުރުސަތުވެސް ބޮޑުވެގެންވެއެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ޒިކުރުގެ ދުވަސްތަކެވެ. މިދުވަސްތަކުގައި ތަހްލީލާއި، ތަސްބީޙާއި، ތަކްބީރު ކިޔުން ގިނަކުރުމަށް ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައިވެއެވެ. ޒިކުރުގެ ތެރެއިންވެސް ތަކްބީރަކީ މިދުވަސްތަކުގެ ޝިޢާރެވެ.

ޙައްޖުމަހުގެ ހަނދު ފެނުމާއި ހަމައިން ފެށިގެންގޮސް، އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ އިރުއޮއްސުމާއި ހަމައަށް، ވަކިތަނަކަށް ވަކި ވަގުތަކަށް ޤައިދެއްނެތި ތަކްބީރު ކިޔުން ގިނަކުރަން ވާނެއެވެ. މިގޮތުން ގޭގައިއާއި، މަގުމަތީގައިއާއި، ބާޒާރުމަތީގައި ތަކްބީރުގެ އަޑު ގުގުމާލަންވާނެއެވެ. ޢަބްދުﷲ ބުން ޢުމަރާއި، އަބޫ ހުރައިރާ މިދުވަސްތަކުގައި ބާޒާރު މައްޗަށް ނިކުމެވަޑައިގެން، ބާރަށް ތަކްބީރު ކިޔުއްވާކަމަށް ރިވާވެގެން އައިސްފައިވެއެވެ.

އެއީ މީސްތަކުންނަށް ހަނދާން ކޮށްދެއްވުމުގެ ގޮތުންނެވެ. އަދި ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ އިރުއޮއްސުމާއި ހަމައަށް، ފަރުޟު ނަމާދުތަކުގެ ފަހުގައި ކިޔާ ވަކި ވަގުތަކަށް ޚާއްސަ ތަކްބީރު ކިޔަންވާނެއެވެ. އަދި ޢީދު ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި އުޟްޙިއްޔާ ކަތިލުމަކީވެސް ކެރިފޯރުންތެރިކަމުގެ އަހުލުވެރިންނަށް އަދާކުރެވިދާނެ މަތިވެރި އަޅުކަމެކެވެ. އުޟްޙިއްޔާ ކަތިލަން ޤަސްދުކުރާމީހާ ޙައްޖު މަސް ފެށުމާއި އެކީ ނިޔަފަތި ކެނޑުމާއި، ހަށިގަނޑުގެ އިސްތަށިތައް ބޭލުމާއި ކޮށުމުން މަނާވެގަތުމަށް ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައިވެއެވެ.

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.