Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ރައީސަށް ތާއީދުކުރީ ގުޅުން ރަނގަޅު ކުރާނެކަން ފެންނާތީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

މިދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރީ އިންޑިއާއާއެކު ސުލްހަވެރި ރަނގަޅު ގުޅުމެއް ބާއްވާނެކަން ފެންނާތީ ކަމަށް ޑިމޮކްރެޓްސްގެ އުފެއްދެވުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރެޓްސްއިން ރައީސަށް ތާއީދުކުރީ މިއަދު މި ދެކޭ ސުލްހަވެރި ގުޅުމާއި އިންޑިއާ ކަނޑުގެ ތަސައްވުރު ފެންނާތީ ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ކޮންމެ އިންތިޚާބަކަށް ފަހު އަނެއް ފުށަށް ޖެހޭ ކަމެއްގެ ގޮތުގައި އޮތުމުން ދިވެހިންނަށް ލިބޭ ގެއްލުން ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވި އިރު ރައީސް މުއިއްޒު މިވަގުތު ހުންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކާ އެގައުމުގަ އެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެގެން ގޮސްފަ އެވެ. އެއީ އިންޑިއާ އާއި މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.