Last Updated: July 27, 10:50
Saturday, July 27, 2024
މުނިފޫހިފިލުވުން

ޝާހިދާ އެކީ ރާނާ މަސައްކަތް ކުރަނީ

ޝާހިދު ކަޕޫރް ލީޑް ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމެއްގެ ބޮޑު ރޯލަކަށް ދެކުނުގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މި ފިލްމަކީ އިންޑިއާގެ ކުރީގެ ކުޅަދާނަ ހަނގުރާމަވެރިޔާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. ޝާހިދު ޓައިޓްލް ރޯލު ކުޅެން ހަމަހެޖިފައިވާ މި ޕީރިއަޑް ފިލްމުގައި ރާނާ ކުޅޭނީ އައުރެންގަޒަބްގެ ރޯލު ކަމަށް އެ ނޫހުން ބުންޏެވެ.

ކުރިން ވެސް ހިންދީ ފިލްމުތަކެއް ކުޅެފައިވާ ރާނާ އަކީ "ބާހްބަލީ" ގެ ނެގަޓިވް ރޯލު ބައްލާދޭވްގެ ރޯލު ކުޅުނު އެކްޓަރެވެ.

ޗަތުރަޕަތީ ޝިވާޖީ މަހާރާޖް އަށް ބިނާކޮށް ހަދާ ފިލްމު ޕްރޮޑިއުސްކުރާނީ ދިލް ރާޖޫ އެވެ. އަދި މީގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު އަކްޝޭ ކުމާރުގެ "އޯއެމްޖީ 2" ގެނެސްދިން އަމިތު ރާއީ ކަމަށާއި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ޕްލޭން ކުރަމުން އަންނަ ޕިންކްވިލާ އިން ބުންޏެވެ.

ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އޮކްޓޯބަރު 11 ގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ދޭވާ" އިންނެވެ.