Last Updated: July 27, 10:26
Saturday, July 27, 2024
މުނިފޫހިފިލުވުން

ސޮނާކްޝީ ކައިވެނި ކުރަން އުޅޭ ކަމެއް ނޭނގޭ

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ކައިވެނި ކުރަން އުޅޭކަން އެނގިފައި ނެތް ކަމަށް އޭނަގެ ބައްޕަ ކުރީގެ އެކްޓަރު ޝަތުރުހަން ސިންހާ ބުނެފި އެވެ.

އިއްޔެ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޮނާކްޝީ އާއި އެކްޓަރު ޒަހީރު އިގުބާލް ކައިވެނި ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ގަ އެވެ. އެހެންވެ ދެ ފަރާތުގެ އާއިލާ އިން ހަފުލާގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓައިމްސް ނައު އަށް ސަތަރޭ ބުނީ ދަރިފުޅު ކައިވެނި ކުރަން އުޅޭކަން އެނގިފައި ނެތް ކަމަށާއި އެފަދަ ވާހަކައެއް ސޮނާކްޝީ ނުވެސް ދައްކާ ކަމަށެވެ.

"އެހެންވެ މީޑިއާތަކަށް އެނގޭ ވަރަށް އަހަންނަށް ވެސް އެނގެނީ،" ސަތަރޭ ބުންޏެވެ. "އަދި އަހަންނަކީ ދަރިފުޅުގެ ޕްލޭންގެ ވާހަކަ އަމިއްލަ އަށް ދައްކާ މީހެއް ވެސް ނޫން."

އޭނަ ބުނީ ސޮނާކްޝީ ކައިވެނި ކުރާ ނަމަ އާއިލާގެ ހެޔޮދުއާ އޮންނާނެ ކަމަށެވެ. އަދި ހަޔާތުގެ ބައިވެރިއަކަށް ކޮންމެ މީހަކު ހޮވިޔަސް، ހުރި ހަމައެކަނި އަންހެން ދަރިފުޅު އެފަދަ ނިންމުމެއް ނިންމާނީ ވަރަށް ވިސްނާފައި ކަމަށް ސަތަރޭ ބުންޏެވެ. ސޮނާންޝީގެ އިތުރުން ސަތަރޭގެ ދެން ތިން ތިބެނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ.

ސޮނާކްޝީ، 37، އާއި ޒަހީރު، 33، ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވެމުން އަންނަނީ 2018 އިން ފެށިގެންނެވެ. އަދި އެ މީހުން އެކަން ޔަގީންކޮށް ދީފައި ވަނީ 2022 ގަ އެވެ. ޒަހީރަކީ 2010 ގެ "ދަބަންގް" އިން ސޮނާކްޝީ ބޮލީވުޑަަށް ނެރުނު ސަލްމާން ޚާން ޕްރޮޑިއުސްކުރި 2019 ގެ "ނޯޓްބުކް" އިން ތައާރަފުވި އެކްޓަރެކެވެ.

އެކަމަކި އޭނަ އަކީ މިހާތަނަށް ބޮލީވުޑުން އެއްވެސް ކުރިއެރުމެއް ލިބިފައިވާ އެކްޓަރެއް ނޫނެވެ.