Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

އެމްޑީޕީ ހަރުދަނާ ކުރަން މަގުޗާޓެއް އެކުލަވާލަނީ

އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލަން ނިންމައި އެ މައުލޫމާތު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ހިއްސާކޮށްފި އެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ހަރުދަނާ މުއައްސަސާއެއްގެ ގޮތުގައި އެމްޑީޕީ ހިންގުމަކީ ރާއްޖޭގެ ޑިމޮކްރެސީ ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެ މަގަށް ކަންކަން ބައްޓަން ކުރުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ އެ މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު ރަނގަޅަށް ބަޔާން ކުރެވިފައިވާ، މުސްތަގުބަލުގައި ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ގައުމީ މަޖިލިސް މެންބަރުން މަސައްކަތްކޮށް ދެއްވަން ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ، މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓު ފެންނަ އެމްޑީޕީގެ ސިޔާސަތުތަކަށް ތާއިދުކުރާ މީހުން އެމްޑީޕީގެ ވޯޓު ދިނުން އިތުރު ކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެމްޑީޕީ އަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މި އަހަރުގެ މަޖިލިސް އިންތިހާބުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމާ ގުޅިގެން ޕާޓީގެ ހިންގުން ހަރުދަނާ ކުރަން މިހާރު އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.