Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލުމުގެ އެންގުން އުވާލައިފި

ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން މެދުކަނޑާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގި އެންގުން އުވާލައިފި އެވެ.

ބިންހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެންގީ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހެވެ.

އީޕީއޭ އިން މިއަދު ބުނީ އެ އެންގުން މިއަދުގެ ނިޔަލަށް ނިމުމަކަށް އައިކަމުގައި ވިޔަސް، ގާހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަން، ދަންނަންޖެހޭ ކަމަށާއި ރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައި ކަމަށެވެ. ނަމަވެސް، ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫޢަވާއިރު، އީއައިއޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫޢުތަކުގައި، މިވަގުތު މޫދާއި ފަރު ހިމެނޭ ސަރަޙައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް މިއަހަރުގެ އޮގަސްޓުގެ ފަހަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެއްސުމަށް ވެސް ވަނީ އެދިފަ އެވެ.