Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ 12 އަހަރުގެ ކުދިންނަށް

އިމާމުވެ ކޭތަ އަދި ހުކުރު ނަމާދުކުރުމުގެ ވަގުތީ ހުއްދަ ގްރޭޑު 6 އިން ފެށިގެން މަތީގެ ކުދިންނަށް ދެވޭ ގޮތަށް އިސްލާމިކް މިނިސްޓްރީން އުސޫލު ބަދަލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކުރި އުސޫލުގައިވާ ގޮތުން ވަކި ހާއްސަ ހާލަތްތަކުގައި ގުރޭޑު ހައަކަށްވުރެ މަތީ ގުރޭޑުތަކުގައި ކިޔަވާ ދަރިވަރުންނާއި، އުމުރުން 65 އަހަރުން މަތީ މީހުންނަށް ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ވަގުތީ ހުއްދަ ހަ މަހަށާއި އެއް މަހަށް ދެވިދާނެ އެވެ.

އެ ހާލަތްތަކަކީ ހުކުރު އަދި ކޭތަ ނަމާދުކުރާނެ ހުއްދަ އޮތް އެއްވެސް ފަރާތެއް ނެތް ހާލަތުގައި ގާބިލު މީހަކު އެ ނަމާދުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުންނެވެ. އެ ހާލަތުގައި އެ މީހަކަށް ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާނެ ހުއްދައެއް ދެވިދާނެ އެވެ. އަދި އެ ނަމާދުކުރުމުގެ ހުއްދަ އޮތް މީހަކު ބަލިވެއްޖެނަމަ، އެހެން މީހަކަށް އެއް މަސް ދުވަހުގެ މުއްދަތަށް ވަގުތީ ހުއްދައެއް ދެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އުސޫލުގައިވާ ގޮތުން 65 އަހަރުން މަތީ މީހުންނަށް ހުއްދަ ދޫކުރެވޭނީ އެމީހަކީ ސިއްހީ ގޮތުން ޒިންމާ އަދާކުރެވޭ ވަރުގެ ގާބިލުކަން ހުރި މީހަކަށް ވާނަމަ އެވެ. ގުރޭޑު 6 އިން މަަތީ ގުރޭޑުތަކުގެ ދަރިވަރުންނަށް ހުއްދަ ދޭއިރު އެ ކުދިންނަކީ ރީތިކޮށް ގުރުއާން ކިޔަވަން ދަންނަ އަދި ނަމާދުގެ ހުކުމްތައް އެނގޭ ކުދިންނަށް ވާންޖެހެ އެވެ.

މީގެ އިތުރުން 18 އަހަރު ނުފުރޭ ކުދިންގެ ތެރެއިން، ގުރޭޑު 10 އާއި 12 އާ ދެމެދުގެ ގުރޭޑެއްގައި ކިޔަވާ ދަރިވަރުން އަނގަ ބަހުންދޭ އިމްތިހާނަކުން 75 ޕަސެންޓު މާކުސް އަދި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނަށް ކަނޑައަޅާފައިވާ 10 ޕަސެންޓް މާކްސް ލިބިއްޖެނަމަ އިމާމުވެ ހުކުރު އަދި ކޭތަ ނަމާދު ކުރުމުގެ ހުއްދަ ލިބޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.