Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ގުރައިދޫ މަރުކަޒަށް އަނަންތަރާ އިން 5 ޓީވީ ހަދިޔާކޮށްފި

އަނަންތަރާ ވެލި، އަނަންތަރާ ދިގު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑުން ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 5 ސްމާޓް ޓީވީ ހަދިޔާކޮށްފި އެވެ.

ޓީވީތައް ހަވާލުކޮށްދިނީ ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓް މެނޭޖަރ ފާތިމަތު ޝާޒްލީން އެވެ. އަދި މި ތަކެއްޗާއި ގުރައިދޫ މަރުކަޒުން ހަވާލުވީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ޖައިޝަމް އެވެ.

މި ރަސްމިއްޔާތުގައި ރިސޯޓުގެ ފަރާތުން ބައިވެރިވި ޓީމަށް ގުރައިދޫ މަރުކަޒު ދައްކާލާފައިވާއިރު މަރުކަޒުގައި ފަރުވާ ދެމުންދާ ފަރާތްތަކާއި ބައްދަލުކޮށް، ވާހަކަދައްކާ، ހާލު ބަލާލުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި 5 ސްމާޓް ޓީވީ ބޭނުންކުރާނީ ރީއިންޓެގްރޭޝަން ވޯޑުގައްޔާއި ކުޑަކުދިންގެ ވޯޑުގައި ކަމަށެވެ. އަދި މިތަކެތި ވެގެންދާނީ، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޭނުންތެރި ތަޢުލީމީ އަދި މުނިފޫހިފިލުވުމުގެ މުހިންމު ވަސީލަތަކަށް ކަމަށްވެސް ބުންޏެވެ.

ފަރުވާގެ މުއްދަތުގައި ކޮންމެ ފަރާތަކީވެސް އުފާވެރި، ހިތްފަސޭހަ ވަގުތުކޮޅެއް މަރުކަޒުގައި ހޭދަކުރާ ފަރާތަކަށް ހެދުމަކީ މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށް ޖެންޑާ އިން ބުނެ އެވެ.