Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

އެލްޑަލީ ކެއާ އިން ސްކޮލަޝިޕްތަކެއް

އެލްޑަކީ ކެއާ އިން ކިޔަވަން ސްކޮލަޝިޕް ފުރުސަތަކަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ސެޓްފިކެޓް 3 އިން އެލްޑަލީ ކެއާ އިން ކިޔަވަން ސްކޮލަޝިޕްގެ 20 ފުރުސަތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ސިވިލް މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފެމިލީ މިނިސްޓްރީން ބުނީ މި ސްކޮލަޝިޕް ފުރުސަތަކީ އެ މިނިސްޓްރީ އާއި ޕޮލިޓެކްނިކް ގުޅިގެން ހުޅުވައިލި ފުރުސަތެއް ކަމަށެވެ.

އަށާރަ އަހަރުން މައްޗަށް ހާއްސަކޮށްފައިބާ މި ސްކޮލަޝިޕްގައި ބައިވެރިވުމުގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ އަސާސީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުމެވެ.

މިނިސްޓްރީން ބުނީ ކޯހަށް އެދި ހުށަހަޅާ މީހުންނަކީ ކުރިން މި ކޯސް ހަދާފައިވާ މީހަކަށްވެގެން ނުވާނެ ކަމަށެވެ. އަދި ފުރުސަތު ދިނުމުގައި މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، މުވައްޒަފު އެހާތަނަށް ސިވިލް ސާވިސްގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއި، މުއްދަތަށާއި، އެ ކޯހަކަށް ކަނޑައެޅިފައިވާ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި އަދި އެ މީހެއްގެ މަސައްކަތުގެ އަޚްލާޤަށް ބެލެވޭނެ ކަމަށެވެ. އަދި ކޯހަށް ހޮވޭ މުވައްޒަފުން މި މިނިސްޓްރީއާއިމެދު ވެވޭ އިގުރާރާއި އެއްގޮތަށް ދިވެހި ސިވިލް ސާވިސްއަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޚިދުމަތް ކުރާ ގޮތަށް ބޮންޑް ވެސް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.