Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ޕައިލެޓްކަން ކިޔަވަން ދިނީ ލޯނުގެ 10 ފުރުސަތު

ޕައިލެޓުކަން ކިޔަވަން ސްޓޫޑެންޓް ލޯނަށް މި ފަހަރު 148 އެޕްލިކޭޝަން ލިބުނު ނަމަވެސް ލޯން ދޭން ނިންމީ 10 ދަރިވަރަކަށް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ޕައިލެޓް ލައިސެންސައަށް ކިޔެވުމުގެ ފުރުސަތު ދޭނީ ސްލޮޓް ކަނޑައެޅިފައިވާ އަދަދަށް، މެރިޓް އުސޫލުން އެންމެ މަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް ކަމަށެވެ. އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ ގިނަ ބަޔަކު ޕައިލެޓްކަން ކިޔަވިޔަސް ރާއްޖޭގައި އެ ދާއިރާ އިން ވަޒީފާ ލިބުމުގައި ހުރި ހުރަސްތަކާ ހެދި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ޕައިލެޓްކަން ކިޔެވުމަށް ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެ ފުރުސަތު ނުލިބޭ ދަރިވަރުންނަށް މި އަހަރު އިއުލާންކޮށްފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެ ދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހްތިޔާރު ދޭނެ އެވެ.

މިިނިސްޓްރީން ބުނީ ފާއިތުވެ ދިޔަ އަހަރު، 500 އަށް ވުރެ ގިނަ ދަރިވަރުންނަށް ރާއްޖެ އިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވާ ކަމަށެވެ. އަދި އެހާ ގިނަ ފުރުޞަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދީފައިވުމުގެ ސަބަބުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މި މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަސް ވެސް ބުންޏެވެ.

އެހެންވެ ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ފަހަރު ސްޓޫޑެންޓް ލޯނުގެ 500 އަށް ފުރުސަތަށް ހުޅުވައިލުމުން 1،709 ދަރިވަރުން ކުރިމަތިލި އެވެ. އަދި ލޯނަށް 1،153 ދަރިވަރުން ކޮލިފައިވި ނަމަވެސް ލޯނަށް ހޮވުނީ 1،015 ދަރިވަރުންނެވެ.