Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ވެމްކޯގެ ހިދުމަތް ތިނަދު އާއި ކުޅުދުއްފުށީގައި ފަށައިފި

ވެމްކޯގެ ހިދުމަތް ތިނަދޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ.

ވެމްކޯ އިން ބުނީ މި ދެ ސިޓީގައި އެ ކުންފުނީގެ ހިދުމަތްތައް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެން ކަމަށެވެ. ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް މި ދެ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

އަމިއްލަގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108ރ. ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވެމްކޯ އިން ބުނެ އެވެ. އަދި ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނި އުކައިދިނުމުގެ ޚިދުމަތްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ވިޔަފާރީތަކުން ލީޓަރަކަށް 0.16 ރުފިޔާ، ގޭބިސީތަކުން 150 ރުފިޔާ، ސަރުކާރުގެ މުއައްސަސާތަކުން ލީޓަރަކަށް 1.27 ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތަކުން ޓްރާންސްފާ ސްޓޭޝަނަށް ކުނި ގެންނަ ނަމަ ކިލޯއަކަށް އަގު ކުރެވޭނީ 2.66 ރުފިޔާގެ ރޭޓުން ކަމަށް ވެމްކޯ އިން މައުލޫމާތުދެ އެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ އުކާލާ ކުންޏާ ވެމްކޯއިން ހަވާލު ނުވާނެކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތްވެސް ތިނަދޫ އަދި ކުޅުދުއްފުށީގައި ތައާރަފް ކުރެވޭނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.