Last Updated: March 29, 11:09
Friday, March 29, 2024
ކޮލަމް

އެ ޖަނގިޔަލުގެ ސިއްރު 10

ޖާއިޒު މަނިއްޕުޅާއި ކުރޮޅި ކޯޓު

ޖަޒީރަތުއްދޫނީގައި ޖާއިޒު މަނިއްޕުޅު ބަންދު ކުރެވުނަސް އޭނާ
މިނިވަންކުރުމަށް ކަލަމިންޖާ ޑރ ފަހީދު މަނިކު އެއްވެސް މަސައްކަތެއް
ނުކުރައްވަ އެވެ. އެއީ ފަހަރުގައި ފާރަވެރިންގެ މައްޗަށް ފުރިހަމަ
ކޮންޓްރޯލް ނެތުމާއިއެކު އިތުރު ބަދުނާމެއް ވެދާނެ ކަމަށް
ބަލައިގެންނެވެ. މިތާކަށް ޖާއިޒު ގެންދިޔަ ދުވަސް ނޫން އަނެއް ދުވަހު
މާލިސްތާނުގައި ހުންނަ ކުރޮޅި ކޯޓޭ ކިޔުނު ތާކަށް މީނާ ގެނެސްފި އެވެ.
އެއީ މިނިކާރާއްޖޭގެ ކިތާބުލް ބުހުތާނުގައިވާ ގޮތުގެ މަތީން ބަންދުގެ
މުއްދަތު އިތުރުކުރުމުގެ ގޮތުންނެވެ.

ކުރޮޅި ކޯޓުގައި ޖާއިޒު ބައިންދާފައި ވަނިކޮށް މި ކޯޓުގެ ދޭވާންޏަކު
އައިސް ބުނެފި އެވެ. ތިޔަ ބެއިފުޅާގެ މައްސަލަ ބޮލުގައި އަޅައިގެން
މިތަނަށް ވަކީލަކު ވަޑައިގެންފި އެވެ. އެހެންވީމާ އެ ވަކީލު ގަބޫލު
ކުރައްވާނަމަ އޭނާ މިތަނަށް ގެނައުމުގެ އިޒުނައަށް އެދެމެވެ. ޖާއިޒުގެ
ހިތުގައި ޖެހުނެވެ. މިއީ އަނެއްކާ ކޮން ވަކީލެއް ބާވައެވެ. މިވާނީ
ކަލަމިންޖާ އައްޔަންކުރެއްވި ވަކީލަކަށެވެ. މިހެން ހީކޮށް ބުނެފި އެވެ.
ތިޔަ މީހަކު އަވަހަށް ގެނެސްބަލާށެވެ. އިސާހިތަކު މި ވަކީލުކަލޭގެ
ގެނެސްފި އެވެ. މި މީހަކީ ބޮލުން ފަތްވެރިފައި އަންހެންދުޅާ ފަޑަކަށް
ހުންނަ މީހެކެވެ. ނަމަކީ ސަހީނެވެ. މީނާ ކުޑައިކޮށް ޖާއިޒާ ގާތަށް
ޖެހިލާފައި ބުންޏެވެ. މިކަމަކާ ހަވާލުވީ ބުރުހާނު ވިދާޅުވެގެންނެވެ.

ޖާއިޒު މިނިވަންކުރުމަށްޓަކައި ބުރުހާނު ބުނެގެން ލަވަޕާޓީގެ ވަކީލު
މިކަމާ ޖާމިނުވީމާ ޖާއިޒަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.
މީނާގެ ހިތުގައި ޖެހުނެވެ. މިވާނީ ވީޑިއޯގެ ވަގު ކޮޕީ ވެސް އަތުގައި
ޖައްސަން ބުރުހާނު ކުރާ ތަދުބީރަކަށެވެ. އެކަމަކު އަހުރެންނަށް
މައްސަލައެއް ނެތެވެ. ވަކީލަކު ނެތުމަށްވުރެ ހުރުން ރަގަޅެވެ. އެހެންވީމާ
މި ސަހީނުގެ ވަކީލުކަމަށް ރުހިގެން ހުންނާންވީ އެވެ. ކޮންމެއަކަސް
ކިތާބުލްބުހުތާނުގެ އެކި ސަފުހާތަކާއި މާއްދާތަކާއި ފޮޅުވަތްތަކަށް
ރިއާޔަތްކޮށްފައި ޖާއިޒުގެ މައުސޫމް ކަމާއި ނިޔަނެތިކަމުގެ މައްޗަށް
ނިކަން ތޫނު އަޑަކުން ސަހީނު ވާހަކަ ދައްކަދައްކައި ހުއްޓާ ކުރޮޅި ކޯޓުގެ
ފަނޑިޔާރު އަބޫ ދީދީ ޖާއިޒުގެ ބަންދަށް އިތުރު ފަނަރަ ދުވަސް ޖަހައި
ނިންމައިފި އެވެ.

ބަންދުގެ މައްސަލަ އިސްތިއުނާފުކުރުން

ބުރުހާނުގެ ބަންދަކީ ގޯހެއްކަމަށް ނިންމައިދިނުމަށް އެދި ވަކީލު ސަހީނު
މެދުވެރިކޮށް ސައި ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފި އެވެ. ސައި
ކޯޓުގައި މިކޭސް ފައިލް ކުރުމާއެކު ލަސްތަކެއް ނުވެ މި ގަޒިއްޔާ
ނިންމައިދިނުމަށް ޖާއިޒު މަނިއްޕުޅު ހާޒިރުވެސް ކޮށްފި އެވެ. މިކޭހުގެ
އަޑުއެހުމުގެ ރިޔާސަތުގައި އިންނެވީ އަންހެން ސާހިބާއެކެވެ. ނަމަކީ
ސިންޑަރެއްލާ އެވެ.

ޖާއިޒު ބުންޏެވެ. ސާހިބާ ކަމަނާ އެވެ. ކިތާބުލްބުހުތާނުގައި
މިނިކާރާއްޖޭގެ އެންމެހައި ފުރާނަތައް އެއްވަރުކަމަށް ލިޔެފައި
އޮންނަވާހަކަ އަޑު އަހަމެވެ. އެއީ ތެދެއްތޯ އެވެ. ސިންޑަރެއްލާ ވިދާޅުވި
އެވެ. ތިބާއީ ތެދެކެވެ. ތިޔަ ވާހަކަ އޮންނަ މާއްދާގައި ލިޔެފައިވަނީ
މިހެން އެހެންނެވެ. ޖާއިޒު ބުންޏެވެ. ތިޔަހެންވިއްޔާ ނިކަމެތި އަޅާ
ބަންދު ކުރެވިފައި މިވަނީ ވަރަށް ބޮޑު ބޭއިންސާފަކުންތާ އެވެ.
އިސްބަގޫލުންގެ ފަނޑިޔާރެއްގެ ހުދުކަން ގަދަވެގެންވާ ޖަނގިޔާކޮޅެއް
ކަޝްފުވެ އެމަނިކުފާނުގެ ހުރުމަތްތެރިވެގެންވާ އޮރިޔާންފުޅު ފެންނަ
ވީޑިއޯއެއް ގެންގުޅުމުގެ ތުހުމަތުގައި ނިކަމެތި އަޅާ ހައްޔަރު
ކުރެވިފައިވާ އިރު އެފަނޑިޔާރު މިވަގުތުވެސް އެއިންނެވީ އެންމެ
އުހުގައިވާ ކޯޓުގައި ބޮޑެތި ނިންމުންތައް ނިންމަވަން ކަޅު ކޯޓުވެސް
ތުރުކުރައްވައިގެންނެވެ. ވީމާ ހަމަހަމަވެފައި ނެތެއް ނޫންތޯ އެވެ.

ޖާއިޒު މިހެން ބުނީމާ ހުރިހާ ފަނޑިޔާރުން އެމީހުންގެ ނޯޓު ފޮތުގައި
ކޮންމެވެސް އެއްޗެއް ލިޔެފި އެވެ. ޖާއިޒު ހީކުޅައީ މީނާ ދެއްކި
ވާހަކަޔާއި ފަނޑިޔާރުން ވަރަށް ގަޔާވީ ކަމަށެވެ. އެހެންވެ އަވަސް
އަވަހަށް ބުންޏެވެ. ވަލީ މަހީދު ފަދަ އަބުރުވެރި ބޭފުޅެއްގެ އެޒާތުގެ
ވީޑިއޯއެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެފަދަ
އެއްޗެއް އަޅުގަނޑު ނުވެސް ދެކެމެވެ. އެފަދަ ބޭފުޅެއްގެ އެޒާތުގެ
ވީޑިއޯއެއް ނުވެސް ނެގޭނެ އެވެ. އެެއީ އާދައިގެ އިންސާނަކަށް ކުޅަދާނަ
ކަމަކަށްވެސް ނުވާނެ އެވެ. ވީޑިއޯއެއް އެބައޮތޭ ކިޔައިގެން ފާރަވެރިން
މިހަދަނީ މުޅިންވެސް ދޮގެވެ. މީނާ ހަމަ މިހެން ބުނުމާއެކު ފާރަވެރިންގެ
ފަރާތުން ގޮސް ހުރި އަންހެން ވަކީލު ބުންޏެވެ. ޖާއިޒޭ ކިޔުނު މީދަ ކަލޭގެ
އެހަދަނީ މުޅިންވެސް ދޮގެވެ. ވީޑިއޯ އެބައޮތެވެ.

ޖާއިޒު ބުންޏެވެ. ކަމަނާ ފަނޑިޔާރު ސާހިބާ ސިންޑަރެއްލާ އެވެ. ނެތުމުގެ
ތެރޭގައިވާ އެއްޗެއް އަނގައިން އުފެއްދިދާނެ އެވެ. އެކަމަކު އެއީ
ހަގީގަތުގައިވެސް ވުޖޫދުގައިވާ އެއްޗެއްތޯ މި ފަނޑިޔާރުގެއިން ބެލުމަކީ
ނެތްކަމެއްތޯ އެވެ. މިއުޅެނީ އިންސާފު ގާއިމުކުރާން ވިއްޔާ އެވެ.
ސިންޑަރެއްލާ އަވަސް އަވަހަށް ވިދާޅުވި އެވެ. ތިބާއީ ތެދެކެވެ. އޭ ބަލަ
ފާރަވެރި ކަނބުލޭގެޔާ އެވެ. ތިޔަ ވީޑިއޯ ކޮބައި ހެއްޔެވެ. މި ކަނބުލޭގެ
ބުންޏެވެ. ފާރަވެރިންގެ ގޭގައި އެބައޮތެވެ. އެހެންވިއްޔާ ތިޔަ އެތި
މިތަނަށް ގެންނަންވީ ނޫންހޭ ވިދާޅުވީމާ ފާރަވެރި ވަކީލު ބުންޏެވެ.
ސާހިބާއެވެ. ތިޔަ އެތި ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަޅުގަނޑުވެސް
ޖެހޭނީ އެތާގެ ވެރިންނާ ވާހަކަ ދައްކައިލާށެވެ.

މި ހިސާބުން ސިންޑަރެއްލާ ފަނޑިޔާރު ކަމަނާ ގަލަމާއި ދެއްޔާއި ކަރުދާސް
ގެންނަވާފައި އަމުރެއް ލިޔުއްވައިފި އެވެ. އެ އަމުރުގައި ފާރަވެރިންނަށް
އަންގަވާފައި ވަނީ ދެގަޑިއިރު ތެރޭގައި ސައިކޯޓަށް އެ ވީޑިއޯ
ގެނައުމަށެވެ. ދެން ވިދާޅުވި އެވެ. އޭ ޖާއިޒާ އެވެ. ތިޔަހަރީ
މިނިވަންވެފަ އެވެ. ކަލޭގެ ދާނެތާކަށް ދިޔައަސް ފަރުވާލެއް ނެތެވެ. ދެން
ފާރަވެރިންނަށް އެންގެވި އެވެ. ކުރޮޅި ކޯޓުން މީނާގެ ބަންދަށް ޖަހައިދިން
ފަނަރަ ދުވަސް މިހިސާބުން މަންސޫޚުވީ އެވެ. ވީމާ ކަލޭމެން މީނާއާ ދެން
ބެހުމުގެ ބޭނުމެއް ނެތެވެ.

ސައި ކޯޓަށް ވީޑިއޯ ގެންދިއުން

ސިންޑަރެއްލާ ފަނޑިޔާރު ކަމަނާގެ އަމުރަށް ތަބާވުމާއެކު ފާރަވެރީން މި
ވީޑިއޯ ސައި ކޯޓަށް ގެނެސްފި އެވެ. ފަހެ މި ވީޑިއޯ ސައި ކޯޓުގެ އައިޓީ
ސެކްޝަނަށް ވަނުމާއެކު އެ ކޯޓުގެ އެ މަސައްކަތަށް ޚާއްސަވެފައިވާ މީހާ
އޭނާގެ އަމިއްލަ ފޯލްޑަރުތަކަށް ވެސް ވީޑިއޯ ކޮޕީކޮށްލައިފި އެވެ. ސައި
ކޯޓުގެ ފަނޑިޔާރުން މިއީ އަސްލު ވީޑިއޯއެއްކަން ކަށަވަރު ކުރުމުގެ
ބެއްލެވުން ބައްލަވާފައި ފާރަވެރިންނާއި ވީޑިއޯ ހަވާލު ކުރެއްވިއިރު
ޔޫޓިއުބާއި މައިޓިއުބާއި ދެއަރ ޓިއުބާއި އަވަރ ޓިއުބާއި މިހެން ގޮސް
ހުރިހާ ޓިއުބަކަށް ވީޑިއޯ ވަނީ އަރާފަ އެވެ. ދެން އިތުރަށް ސިއްރުކުރާނެ
އެއްޗެއް ނެތެވެ. ރައްބީގެ ބޮޑު އިންޓަރނެޓު މެދުވެރިކޮށް ސޯޝަލް
މީޑިއާގައި އެންމެ ހަލުވިކޮށް ދައުރުވާ އެއްޗަކަށް ވަލީ މަހީދުގެ
ތައުޒީރުކުރުންތަކުގެ ވީޑިއޯ ވެގެން ހިގާއްޖެ އެވެ. އެއްވެސް މީހަކު
ރައްކާކޮށްގެން ފޮރުވައިގެން ގެންގުޅެން ޖެހޭ ވަރުގެ އަގު ހުރި
އެއްޗަކަށް ނުވެ މިނިކާރާއްޖޭގެ އެންމެންގެ މުދަލަކަށް މި ވީޑިއޯ ވާން
ނެގީ މަދު މިނިޓްކޮޅެކެވެ.

ނިންމައިލުމުގެ ކުރިން ވާހަކައެއް

މީހަކު އަދި ކިތަންމެ މޮޅު ތަދުބީރެއް ކުޅަކަމުގައިވިޔަސް ތަގުދީރުގައި
އެކަން އެހެން ގޮތަކަށް ކުރެހިފައިވާނަމަ ތަދުބީރުކުރާ މީހާޔަށް ލިބޭ
ވަކި މޮޅެއް ނޯވެ އެވެ. އެހެންވެގެންތާއޭ ވަލީ މަހީދު ބްލެކްމޭލްކޮށް
އޭނާގެ ދުވަސް ދުއްވައިލުމަށް ބުރުހާނު ކުޅަ ތަދުބީރުގެ ނަތީޖާވެސް
ނުކުތީ އޭނާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ދުވަސްކޮޅަކު
ހިތިހިތާމައިގައި އުޅެން ޖެހުނު ކަމަށްވިޔަސް ވަލީ މަހީދުގެ ނަސީބުގެ
ތަރި އެހެރަދަނީ އުފުލެމުން އަލިގަދަވަމުން ވިދަމުންނެވެ. މި ވީޑިއޯއަކީ
އޭނާގެ ނަސީބުވެސް ތޯއްޗެކޭ މިހައިރު ވަލީ މަހީދަކީ ހަމައެކަނި
އިސްބަގޫލު ފަނޑިޔާރެއް ނޫނެވެ. އެއީ ފަނޑިޔާރުންގެ ސުލޫކާއި އެނޫންވެސް
ކަންކަން ބަލައި ހިންގާ ބޮޑު ކޮމިޝަނުގެ ވެރި މީހާވެސް މެއެވެ.

އަނެއްކޮޅުން ބުރުހާނަށް ބައްލަވާށޭ އޭނާގެ ނަސީބުގެ ތަރި އެހެރަ ދަނީ
ވެއްޓެމުން ފަނޑުވަމުންނެވެ. އަހުރެންވެސް އެއްބަހޭ ބުރުހާނު ކުޅަ
ތަދުބީރުގެ މޭވާ ދުވަސްކޮޅަކު ނަމަވެސް އޭނާއަށް ލިބުނެވެ. ވަލީ މަހީދު
ފަލީހަތް ކުރެވުނެވެ. ބްލެކްމޭލް ކުރެވުނެވެ. ފައިސާވެސް އަތުލެވުނެވެ.
އެކަމަކު މިހާރުގެ ހާލަތު ބައްލަވާށޭ ބުރުހާނުގެ އަތުގައި ހަމަ
އެކައްޗެއްވެސް ނެތެވެ. މަގާމެއް ނެތެވެ. ހައިސިއްޔަތެއް ނެތެވެ.
ފައިސާއެއްވެސް ނެތެވެ. ހުރިހާ އެއްޗެއް އޭނާއަށް ފުރަގަސްދީ އޮބާލައިފި
އެވެ. ނުވިތާކަށް ބުރުހާނު މިއަދު ވަނީ ބަލި މީހަކަށް ވެސް ވެފައެވެ.

މާލިސްތާނުގެ ގޮނޑުދޮށް ފަރާތުގައިވާ ގަހުވަ ޚާނާއެއްގެ ތެރެއިން
ބުރުހާނުގެ މައިބަދައަށް ބަޔަކު ހަރައިލި ޚަންޖަރުގެ ވާހަކަ ދައްކާކަށް
އަހުރެން ނެތީމެވެ. އެކަމާއި ވަލީ މަހީދުގެ ހާދިސާ ގުޅުވައިލާކަށް ވެސް
ނެތީމެވެ. އެކަމަކު މީހުން އެވާހަކަ ދައްކާނެތާ އެވެ. ކޮންމެއަކަސް އެއީ
ބުރުހާނުގެ މައިބަދަ އެވެ. އެ މައިބަދައަށް ހަރައިލި ޚަންޖަރާއެކު
ބުރުހާނު ވަނީ ދާއިމީ ޒަޚަމަކުން ޒަޚަމްވެފަ އެވެ. އެ ޒަޚަމުގެ ބާވަތަކީ
ކޮބައިކަން ބުނާކަށް އަހުރެން ނެތީމެވެ. ޝައުގުވެރިކަން ހުރި މީހަކު
އެވާހަކަ ލިޔުމަކީ އެހެން މައްސަލައެކެވެ. އެއީ އެ ޖަނގިޔަލުގެ ސިއްރުގެ
ގޮތުގައި ލިޔާން އަހުރެން ގަސްތުކުރި ބައިތަކުގެ ތެރޭގައި ހިމެނޭ ބާބެއް
ނޫނެވެ. މިހިސާބުން އެ ޖަނގިޔަލުގެ ސިއްރު ބަޔާންކޮށް ނިމުނީ އެވެ.
ވާހަކަވެސް ނިމުނީ އެވެ.