Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ސްޕޯޓްސް އެވޯޑް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފ

ކުރިން މި މަހު ބާއްވަން ނިންމުމަށް ފަހު އަންނަ މަހަށް ފަސްކުރި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެކަން އިއުލާންކުރި ނަމަވެސް އެގޮތަށް ނިންމި ސަބަބަކާއި އެވޯޑް ހަފުލާ ދެން ބާއްވާނެ ތާރީހެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ސްޕޯޓްސް އެވޯޑްސް ހަފުލާ އެންމެ ފުރަތަމަ ބާއްވަން އޮތީ މި މަހުގެ 27 ގަ އެވެ. ފަހުން ހަފުލާ ފަސްކުރީ އަންނަ މަހުގެ 4 އަށެވެ. މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ބޮޑު އީދާ ދިމާކޮށް ސަރުކާރު ބަންދުވުމާ އެކު ހަފުލާ އެންމެ ފުރިހަމަ އަށް ބާއްވަން ވަގުތު ބޭނުންވާތީ ކަމަށެވެ.

އެވޯޑް ހަފުލާ ފަސްކުރި އިރު، ހަރަދުތައް ކުޑަކުރަން އެކި ފިޔަވަޅުތައް ސަރުކާރުން މިހާރު އަންނަނީ އަޅަމުންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ.

މި އަހަރު ވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށް ދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއް ވެސް ދޭން ހަމަޖެހިފައިވެ އެވެ.

އެވޯޑަށް ނޮމިނޭޓްވެފައިވާ އެތުލީޓުންގެ ނަންތައް ވެސް ސްޕޯޓްސް މިނިސްޓްރީން އާންމުކޮށްފައިވެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދޭން ފެށީ 2022 ގަ އެވެ.