ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނެގި ދަރަނިން އިގްތިސާދު ފުޅާވާނެ އެއްވެސް ކަމެއް ނުކުރެވުނުކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫޤު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އަޒާން ވިދާޅުވީ މި ބިލުގައި ވަރަށް މުހިންމު ކަންކަން ހިމަނާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ދަރަނި ނެގޭނެ ގޮތާއި، މެނޭޖްކުރާނެގޮތާއި، މައުލޫމާތު އާންމުކުރާނެ ގޮތްފަދަ ކަންކަން ހިމަނާފައިވާ ކަމަށެވެ. މި ބިލުގައި ދަރަނި މެނޭޖްކުރާނެ އޮފީހެއް އުފެއްދުން ހިމަނާފައިވާކަން ފާހަގަކޮށް އަޒާން ވިދާޅުވީ މިއީ ވަރަށް މުހިންމު ކަމެއް ކަމަށާއި މި އޮފީހާއެކު ދަރަނީގެ ސާފު މައުލޫމާތު ރައްޔިތުންނަށް އަދި ބޭރުގެ ފަރާތްތަކަށްވެސް ލިބޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުން ފައިސާ ހޯދުމުގައި އިތުރު ފަސޭހަތައް ލިބޭނެކަން ފާހަގަ ކުރެއްވިއެވެ.
ދައުލަތުގެ ދަރަނި މިހާރު އަތްނުފޯރާފަށަށް ގޮސްފައިވާކަން ފާހަގަކުރައްވާ އަޒާން ވިދާޅުވީ 120 ބިލިއަން ރުފިޔާއިން ރާއްޖެ ދަރަނިވެރިވެފައިވާ ކަމަށެވެ. މި ހާލަަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފަންކުރި ހާލަތެއް ނޫންކަމަށާއި މި ހާލަތަކީ ވެރިކަމާ ހަވާލުވިއިރުވެސް އޮތް ހާލަތެއް ކަމަށް ވިދާޅުވިއެވެ. އަޒާން ވިދާޅުވީ ދަރަނި ނެގުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫން ކަމަށާއި މުހިންމީ އެ ފައިސާ ބޭނުންކުރާ ގޮތްކަމަށެވެ.
"އެމްޑީޕީ ވެރިކަމުގައި ފެނުނީ 60 ބިލިއަން ރުފިޔާއިން ދަރަނި އިތުރުކުރިއރު، ދައުލަތުގެ އާމްދަނީ ވަންނާނެ ކަންތައްތަކެއް އެ ފައިސާއަކުން ކުރެވިފައެއް ނުވޭ. ދަރަނި ނަގައިގެން މައިގަނޑުގޮތަކަށް ކުރިކަމަކީ ރިކަރަންޓް ހަރަދު އިތުރުކުރުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި މަޝްރޫއުތައް ހިންގާ އެ މަޝްރޫއުތަކަކީ އޭގެސަބަބުން ދިވެހިރާއްޖެއަށް އެއްގޮތަކަށްވެސް އިތުރު ފައިސާ ވަންނާނެފަދަ، އިގްތިސާދު ފުޅާވާނެ އެއްވެސް ކަމެއް މި މަޝްރޫއުތަކުން ނުކުރެވުނުކަން ފެނުނީ." އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ފެނަކައިން ޒަމާނީ އިންޖީނުގޭގެ ނަމުގައި، އަސްލު އަގާ ނުބައްދަލު އަގެއްގައި އިމާރާތްތައް އަޅާފައިވާ ކަމަށެވެ. އަދި އެކި ރަށްރަށުގައި މަލްޓިޕާޕަސް ހޯލް އެޅުމުގެ ނަމުގައިވެސް މިފަދަ ކޮރަޕްޝަންގެ ކަންކަން ހިންގާފައިވާކަމަށް ތުހުމަތު ކުރެއްވިއެވެ.
އެމްޑީޕީގެ ސަރުކާރުން އުފެއްދި ދަރަންޏާ ހަވާލުވާން ޖެހުނީ މި ސަރުކާރަށް ކަމަށާއި އެކަންކަން މެނޭޖު ކުރުމަށް ހުށަހަޅާފައިވާ ބިލަކީ މިފަދަ ކަންކަން ތަކުރާރު ނުކުރެވޭނެކަން ކަށަވަރުކުރެވޭނެ ގޮތެއްކަމަށް ވިދާޅުވިއެވެ.