ދެ ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެގޮތުން ރުހުން ދީފައިވަނީ ތުރުކީ އަދި ޕާކިސްތާނުގައި ހުންނަ ސަފީރު ކަމަށް ބޭފުޅުން އައްޔަނު ކުރުމަށެވެ.
ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މަޖިލީހުން ރުހުން ދީފައިވަނީ ރިޓަޔާޑް ލެފްޓެނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފަށެވެ. އަބްދުއްރަހީމަށް ރުހުން ދޭން ފެންނަ ކަމަށް 82 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މީގެއިތުރުން ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް މުހައްމަދު ތާހާގެ ނަމަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ ވޯޓުންނެވެ.
ތުރުކީ ސަފީރުކަމަށް އަބްދުއްރަހީމްގެ ނަން މަޖިލީހަށް ފޮނުވާފައިވާއިރު، އުމުރުން 60 އަހަރުވުމާ ގުޅިގެން އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ އޭޕްރިލް މަހުގެ ތެރޭގައެވެ. ތުރުކީ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރަން ނިންމާފައިވާ އިރު، އެ ގައުމުގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވެސް ސަރުކާރުން އޮތީ ނިންމައި އެކަން އިއުލާނު ކުރެއްވީ ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.