ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީގެ ތަރުޖަމާން ފާތިމަތު ރިފާއަތު "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިނިސްޓަރު އިހުސާން ހާޒިރުކުރަނީ މާދަމާ އޮންނަ 241 ކޮމިޓީގެ ބައްދަލުވުމަށް ކަމަށެވެ. މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ 09:30 ގައެވެ.
241 ކޮމިޓީގެ މާދަމާގެ ބައްދަލުވުމަށް މިނިސްޓަރު އިހުސާން ހާޒިރުކުރާއިރު، ކޮމިޓީގެ މާދަމާގެ ބައްދަލުވުމަކީ ސިއްރުން ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް މައުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން ބައްދަލުވުމުގައި ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުން ކުރިއަށް ގެންދާނެ ކަމަށްވެސް ރިފާއަތު ވިދާޅުވިއެވެ.
މިދިޔަ ހަފުތާ އަންގާރަ ދުވަހުވެސް ހޯމް މިނިސްޓަރު އިހުސާން 241 ކޮމިޓީއަށް ހާޒިރު ކޮށްފައިވެއެވެ. އެގޮތުން އެދުވަހުގެ ބައްދަލުވުމުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ރާއްޖޭގެ ކުށުގެ ވެއްޓާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އަދި ނައިބު މުގައްރިރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހުއެވެ.