Last Updated: April 30, 09:16
Wednesday, April 30, 2025
ޚަބަރު

ގަވަރުނަރު ޒިންމާ އަދާނުކުރައްވާ، ސަރުކާރަށް ލަފާ ނުލިބޭ

މެންބަރު އަހުމަދު ނާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްއޭގެ ގަވަރުނަރު މަސްއޫލިޔަތު އަދާކުރައްވާތަން ނުފެންނަ ކަމަށާއި، ލިބެންޖެހޭ ލަފާ ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ މި ބިލަކީ ދައުލަތުގެ މާލީ ޒިންމާ ރަނގަޅުކުރުމަށް ވަރަށްވެސް މުހިންމު ބިލެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ދައުލަތުން އިގްތިސާދުގެ ކަންކަން ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތް ކުރެވޭނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕޮލިސީގެ ދަށުން ކަމަށެވެ. އެހެންނަމަވެސް ދައުލަތަށް އިގްތިސާދުގެ މައްޗަށް ބާރު ނުފޯރުވޭ ހާލަތެއް ވާކަމަށާއި އެއީ މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުން ކަމަށެވެ. މަނިޓަރީ ޕޮލިސީއަކީ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިޔަތެއްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ގަވަރުނަރު އެ މަސްއޫލިޔަތު އަދާކުރައްވާތަން ނުފެންނަކަމަށެވެ.

"އަޅުގަނޑުމެންނަކަށް ފެންނަމުންނެއް ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާތީ އެއް. މި ސަރުކާރު ވެރިކަމާ ހަވާލުވެގެން މިވީ 7 މަސްދުވަހުގެ ތެރޭގައި ސަރުކާރަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައެއް ނުވޭ،" ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ކައުންސިލްތަކުން ހަރަދު ކުރުމުގައި ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރުމަށްވެސް ގޮވާލާފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ޒިންމާދާރުކަމެއްނެތި ކައުންސިލްތަކުން މާލީ ބޭނުންކުރާކަމަށް ވިދާޅުވެފައެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުން ބޭރު ގައުމުތަކަށް ބޮޑު ހަރަދުގައި ދަތުރުކުރާކަން ފާހަގަ ކުރައްވާ ނާޒިމް ވަނި މިގޮތަށް ކުރާ ދަތުރުތަކުގައި ކަޅުބާޒާރުން ޑޮލަރު ގަންނަކަންވެސް ފާހަގަ ކުރައްވާފައެވެ.

ކައުންސިލްތަކުގެ މި ކަންކަމަށް ފާޑުވިދާޅުވެ ނާޒިމް ވަނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން ނަމަވެސް، ދައުލަތުގެ ވިސްނުމާއެއްގޮތަށް ކައުންސިލްތަކުގެ ވިސްނުން ބަދަލުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.